ނ. އަތޮޅު މަނަދޫ ހޮސްޕިޓަލުގެ ޑައިލިސިސް ޑިޕާޓްމަންޓަށް އިތުރު ދެ އެނދު ގާއިމު ކޮށްފިއެވެ. މިއީ އެ އަތޮޅުގެ ޑައިލިސިސް ބަލިމީހުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ ކަމެކެވެ.
މި އިތުރުކުރެވުނު ދެ އެނދާއެކު، މިހާރު ޑައިލިސިސް ޚިދުމަތް ދިނުމަށް ޖުމުލަ ހަތަރު އެނދު ވަނީ ގާއިމުކުރެވިފައެވެ.
މި ބަދަލާއެކު، ދުވާލުގެ ވަގުތުތަކުގައި ހުރިހާ ބަލިމީހުންނަށްވެސް ހިދުމަތް ދެވޭ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ. އަދި އަތޮޅުގެ އެހެން ރަށްރަށުން އަންނަ ބަލިމީހުންނަށް، ޑައިލިސިސް ސެޝަން ނިންމާލުމަށްފަހު އިރުއޮއްސުމުގެ ކުރިން އަނބުރާ ރަށަށް ދެވޭ ކަމަށްވެސް ބުނެއެވެ.
މަނަދޫ ހޮސްޕިޓަލުގައި ޑައިލިސިސްގެ ހިދުމަތް ފެށުނީ 2017 ވަނަ އަހަރުގެ މެދުތެރޭގައެވެ. އޭރު ދެ އެނދާއެކު ފެށުނު މި ޚިދުމަތަށް މިހާރު 10 ޕޭޝަންޓުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ. މީގެ އިތުރުން، ޗުއްޓީ ދުވަސްވަރާއި ޢީދު ބަންދުގައި މާލެއިން އަންނަ މީހުންނާއި، ކައިރި ރިސޯޓުތަކަށް އަންނަ ފަތުރުވެރިންވެސް މި ޚިދުމަތް ހޯދާ ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ.
މި ޚިދުމަތް ފުޅާވުމާއެކު، ހިދުމަތް ދޭ މުވައްޒަފުންނާއި ބަލިމީހުންނަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ދައުލަތުގެ މީޑިއާ އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވެއެވެ.
މަނަދޫ ހޮސްޕިޓަލުން ދަނީ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންނެވެ.

