ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީންތަކެއް ޑީޕޯޓުކޮށްލައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި މި މައުލޫމާތު ހާމަކޮށްފައިވެއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުން ދިޔަ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ބިދޭސީ ހަތް އަންހެނަކާއި އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ބިދޭސީ ދެ ފިރިހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، ރާއްޖެ އަނބުރާ ނާދެވޭ ގޮތަށް މީގެ ތެރެއިން ތިން އަންހެނަކު މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި ބާކީ ތިބި ހަ ބިދޭސީން ޑީޕޯޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
މި ފަހަކަށް އައިސް ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާ ބިދޭސީން ދަނީ އަތުލައިގަންނަމުންނެވެ.
މީގެ އިތުރުން، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމަށް ފުލުހުންނާއި އިމިގްރޭޝަނުން ގުޅިގެން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

