ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ބައެއް ރަށްތަކަށް ގުގުރާނެ ކަމަށް މުސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. މާދަމާ ހެނދުނު 6:00 އާ ހަމަޔަށް މޫސުން ލަފާކޮށްފައިވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށް މެޓުން މައުލޫމާތު ދެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން މައުލޫމާތު ދީފައިވާ ގޮތުގައި، މި މުއްދަތުގައި އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑު ގަދަވާނެ ކަމަށް ލަފާކުރެވޭއިރު އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ.
މީގެ އިތުރުން، ހުޅަނގާއި ހުޅަނގުއުތުރުން، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ހާމަކޮށްފައިވެއެވެ.
އަދި އުތުރުގައި 3-6 ފޫޓަށް ރާޅުތައް އުސްވާއިރު މެދުރާއްޖެތެރެއާއި ދެކުނުގެ ރަށްތަކަށް 5-7 ފޫޓަށް ރާޅު އުސްވާނެ ކަމަށް މެޓުން ލަފާ ކޮށްފައިވެއެވެ.
މިއަދު މާލޭއަށް ވެހުނު ބޯ ވިއްސާރައިގައި މާލޭގެ މަގުތައް ފެންބޮޑުވެ، ގެތަކަށް ފެންވަދެފައިވެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ލިބިދާނެ ގެއްލުމަކަށް ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

