މިއަދު ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން ގެދޮރަށް ލިބުނު ގެއްލުންތަކާ ގުޅިގެން އަށް އާއިލާއަކަށް ނިސްބަތްވާ 32 މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެންޑީއެމްއޭ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނެފައިވާ ގޮތުގައި، ފެން ބޮޑުވުމުގެ ހާދިސާއާ ގުޅިގެން އެންޑީއެމްއޭ އާއި ސިފައިން އަދި ފުލުހުންގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުގެ ހޮޓްލައިނަށް 101 ކޯލު ލިބިފައިވެއެވެ. މީގެ ތެރެއިން ވަގުތުން އެހީތެރިކަން ބޭނުންވާ 12 ގޭބިސީއެއްގެ ރެޕިޑު އެސެސްމަންޓު ދިވެހި ރެޑްކްރެސެންޓުގެ އެހީތެރިކަމާއެކު ހަދާފައިވާ ކަމަށް އެންޑީއެމްއޭ އިން މަޢުލޫމާތު ދީފައިވެއެވެ.
އެންޑީއެމްއޭ އިން އިތުރަށް ބުނެފައިވާ ގޮތުގައި، އަށް ގޭބިސީއެއްގެ 32 މީހުންނަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފައިވެއެވެ. މި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވަނީ އެ ފަރާތްތަކުގެ ގޭގައި ކައްކައި ކައިބޮއި ހެދުމާއި ނިދައި ފާހާނާ ކުރެވޭނެ ގޮތެއް ނެތުމާއި، ވަގުތީ ގޮތުން އެތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުންނެވެ.
ގޭގެއަށް ފެންވަނުން ކޮންޓްރޯލުކުރުމަށް ސިފައިންނާއި މާލެ ސިޓީ ކައުންސިލް އަދި މިނިސްޓްރީ އޮފް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއެކު 47 ތަނެއްގައި 229 ވެލިބަސްތާ ޖަހާފައިވާ ކަމަށް އެންޑީއެމްއޭ އިން ހާމަކޮށްފައިވެއެވެ. މީގެ ތެރޭގައި ފިހާރަތައްވެސް ހިމެނެއެވެ.
އެންޑީއެމްއޭ އިން އިތުރަށް ބުނެފައިވާ ގޮތުގައި، ހެންވޭރުގެ 17 ގެއަކަށާއި، ގަލޮޅުގެ 21 ގެއަކަށާއި، މައްޗަންގޮޅީގެ ދެ ގެއަކަށާއި އަދި މާފަންނުގެ 59 ގެއަކަށް ފެންވަދެގެން އެންޑީއެމްއޭ އަށް ރިޕޯޓުކޮށްފައިވެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނެފައިވާ ގޮތުގައި، ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރައްސާރަކުރަމުންނެވެ. އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށް ކަމަށާއި، އެއީ 136.5 މިލިމީޓަރުގެ ވާރޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

