ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި މިއަދު ހެނދުނު ސައުވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ރަސްމީކޮށް އިފްތިތާޙު ކޮށްފިއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ކޮމާންޑިންގ އޮފިސަރ އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ)ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހީމްއެވެ.

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ސައުވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ރަސްމީކޮށް އިފްތިތާހުކުރުން/ފޮޓޯ: އެމްއެންޑީއެފް
އަންނަ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 44 ސްކޫލެއްގެ 120 ކެޑޭޓުން ބައިވެރިވެއެވެ. މީގެ ތެރޭގައި 66 ފިރިހެން ކެޑޭޓުންނާއި 54 އަންހެން ކެޑޭޓުން ހިމެނެއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ އިބްރާހިމް، ކޮންމެ ކެޑޭޓަކުވެސް ވާދަވެރި ރޫހެއްގައި ކޯހުން ވަނަ ހާސިލުކުރުމަށް މަސައްކަތްކުރުމަށް ހިތްވަރުދެއްވިއެވެ. އަދި ކޭމްޕްގައި އުނގަންނައިދޭ ޢިލްމާއި ހުނަރުގެ ބޭނުން ޢަމަލީ މައިދާނުގައި ހިފުމަށް ނަޞޭޙަތްތެރިވެވަޑައިގެންނެވިއެވެ.

ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ސައުވީސް ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ރަސްމީކޮށް އިފްތިތާހުކުރުން/ފޮޓޯ: އެމްއެންޑީއެފް
މި ކޭމްޕްގެ މައިގަނޑު މަޤްޞަދަކީ ކެޑޭޓުންނަކީ މުޖުތަމަޢަށް ފައިދާހުރި، ޒިންމާދާރު ރައްޔިތުންތަކެއްގެ ގޮތުގައި ބިނާކުރުމާއި، ދީނީ އަދި ޤައުމީ ރޫޙު އާލާކުރުމެވެ. މީގެ އިތުރުން އަސްކަރީ ހުނަރުތަކުގެ ތެރެއިން ކަނޑައެޅޭ ބައެއް އަސާސީ ހުނަރުތައް ކެޑޭޓުންނަށް ތަޢާރަފުކޮށްދިނުމާއި، ކެޑޭޓުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުންވެސް ހިމެނެއެވެ.
މި ކޭމްޕްގައި ކިޔަވައިދެއްވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މުދައްރިބުންނެވެ. އަދި ކޭމްޕްގެ އެންމެހާ އިދާރީ އަދި ލޮޖިސްޓިކް ކަންކަން ބަލަހައްޓަނީވެސް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުންނެވެ. ސްކޫލުތަކާ ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން ތަޢުލީމީ ވުޒާރާގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސަނީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރއިންނެވެ.

