ހުޅުމާލެ އިން ދިރިއުޅުމުގެ ބޭނުމަށް ވިއްކުމަށް އިއުލާންކޮށްފައިވާ ބައެއް ބިންތައް ބިޑް އުސޫލާ ހިލާފަށް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް ފަތުރަމުން އަންނަ ވާހަކަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ދޮގުކޮށްފިއެވެ.
އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ އިން ވިއްކުމަށް އިއުލާން ކޮށްފައިވާ ބައެއް ބިންތައް ބީލަމުގެ އުސޫލާ ހިލާފަށް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށް، އެޗްޑީސީގެ އިތުބާރު ގެއްލޭ ގޮތަށް ދޮގު ވާހަކަތައް ފަތުރަމުން އަންނަ ކަމަށެވެ.
ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލެ އިން ވިއްކާފައި ވަނީ އާންމުކޮށް އިއުލާންކުރުމާ އެކު، ހުޅުވާލާފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިން ކަމަށް އެ ކުންފުނިން ހާމަކޮށްފައިވެއެވެ.
ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުން ކަމަށާއި އެ އަށް ފަހު އީއޯއައި ހުށަހަޅާ މީހުންނަށް ބިޑް ކުރުމަށް ހުޅުވާލާ ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ. ބިން ގަތުމުގެ ފުރުސަތު ދީފައި ވާނީ ބިޑް ކުރުމަށް ކަނޑައެޅި ވަގުތު ނިމޭއިރު، އެންމެ މަތީ އަގު ހުށަހެޅި މީހާ އަށް ކަމަށް ވެސް އެޗްޑީސީގެ ބަޔާނުގައިވެއެވެ.
“ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާން ކޮށްފައިވާ ބިމުގެ ބޭސް ރޭޓަށް ވުރެ ދަށް ނޫން އަގެއްގައެވެ. ބޭސް ރޭޓްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މި ކޯޕަރޭޝަންގެ ބޯޑް އޮފް ޑިރެކްޓަރުން އެންޑޯޒް ކޮށްފައިވާ ރޭޓުތަކެކެވެ،” އެޗްޑީސީގެ ބަޔާނުގައިވެއެވެ.
އެ އުސޫލުން ވިއްކި ތިން ބިމެއްގެ މައުލޫމާތު އެޗްޑީސީގެ ނޫސްބަޔާނުގައި ވަނީ ހިމަނައިފަ އެވެ. އަދި އެ ބިންތަކަށް ލިބުނު ބިޑުތަކުގެ އަދަދާއި އީއޯއައި ހުށަހެޅި ތާރީހާއި އެކި މީހުން ހުށަހެޅި އަގުތަކާއި ބިމުގެ ބޮޑުމިން އަދި ބިޑު ކާމިޔާބުކުރި އަގު ވެސް، ނޫސްބަޔާނުގައި ހިމަނާފައިވާ ތާވަލެއްގައިވެ އެވެ.
ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް އެ ކުންފުނިން ބިންތަކެއް ދިން މައްސަލައެއް ވެސް މިފަހުން ވަނީ ފެންމަތިވެފަ އެވެ

