ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މުޖުތަމަޢުގެ ތެރޭގައި އާންމުވެފައިވާ ނުބައި އާދައެކެވެ. މި އާދައިގެ ސަބަބުން ދުންފަތުގެ އިސްތިއުމާލު ކުރާ މީހާއަށާއި އޭނާގެ ވަށައިގެންވާ މީހުންނަށް ވެސް ގިނަގުނަ ގެއްލުންތަކެއް ކުރިމަތިވެއެވެ. ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކާ ބެހޭގޮތުން ސިއްހީ މާހިރުން ދަނީ އަބަދުވެސް އިންޒާރުދެމުންނެވެ. އެހެން ނަމަވެސް، މި ކަމަށް އެކަށީގެންވާ ސަމާލުކަމެއް ދެވޭތަނެއް ނުފެނެއެވެ.
މިވޭތުވި އަހަރު ތެރޭގައި ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓު ކުރުން ހުއްޓުވުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ. މިގޮތުން، ވޭޕް މަނާ ކުރުމާއި، ސިނގިރޭޓާއި ބިޑި ސުއްޓާ، ޓޮބޭކޯސްޓިކް ފަދަ ދުންފަތުގެ ބާވަތްތަކުގެ އަގު މަތިކުރުން ހިމެނެއެވެ. މިހާރު މި ތަކެތީގެ އަގު ވަނީ އާދައިގެ މުސާރައެއް ލިބޭ މީހަކަށް ހިފަހައްޓާ ނުލެވޭ ވަރަށް އަގުބޮޑުވެފައެވެ. އެހެން ނަމަވެސް، މި ފިޔަވަޅުތަކުގެ ސަބަބުން މަގުތައް މަތިންނާއި މީހުން ގޮސް ވަންނަ ކެފޭ ހޮޓާތަކުން ފެންނަ މަންޒަރަށް މާބޮޑު ބަދަލެއް އައިސްފައިވާ ކަމަކަށް ނުފެނެއެވެ.
ކާރުބާރު ބޮޑުވެފައިވާ މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދުތައް ގިނަވެގެން ކުރިމަތިވާ ނުތަނަވަސްކަމަށްވުރެ ވަކީން ކުޑަ ނޫން ތުރާލެއް އެބަ އޮތެވެ. އެއީ މަގުމަތީގައި ސިނގިރޭޓް ބޯ މީހުންގެ ސަބަބުން ކުރިމަތިވާ ހާސްކަމާއި ދުއްތުރާތަކެވެ. މަގުމަތީގައި ހިނގާބިނގާވެ އުޅޭ މީހުންނާއި، މަގުމަތީގައި މަޑުކޮށްގެން ތިބޭ މީހުންނަށް ސިނގިރޭޓް ބޯ މީހުންގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ވަރަށް ބޮޑެވެ. ޚާއްޞަކޮށް ކުޑަކުދިންނާއި، ބަލިމީހުންނާއި، މާބަނޑު އަންހެނުންނަށް މި ކަމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ވަރަށް ގިނައެވެ.

އަނެކުންނަށް ކިތަންމެ އުނދަގޫ ވިޔަސް ވަރިހަމަނުވާށެވެ./ފޮޓޯ:ވީއެސް
ދުންފަތަކީ އެއިން ކެންސަރު ޖައްސާ ވިހަ މާއްދާތަކެއް އޭގައި އެކުލެވޭ އެއްޗެއް ކަމުގައި، ކަމާ ބެހޭ މާހިރުން ހާމަކުރެއެވެ. ސިނގިރޭޓާއި ބިޑި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތަކަކީ، އެ ބޯ މީހާއަށް ގެއްލުންދޭ އެއްޗަކަށްވުމުގެ އިތުރުން، ދުންފަތުގެ އިސްތިއުމާލުކުރާއިރު ދޫކޮށްލާ ދުމުގެ އަސަރުން އެ ނުބޯ މީހުންނަށް ވެސް ޞިއްޙީ ގޮތުން ގެއްލުންތައް ކުރިމަތިކުރުވާ އެއްޗެކެވެ.މި ދުމުގެ ސަބަބުން އެ ނުބޯ މީހުންނަށް ވެސް ނޭވާލުމުގެ ނިޒާމަށް ގެއްލުން ލިބުމާއި، ހިތުގެ ބަލިތަކަށް މަގުފަހިވުން ފަދަ އެތައް ނުރައްކާތަކެއް ވެސް ކުރިމަތިވެއެވެ.
އަނެކުންނަށް ކިތަންމެ އުނދަގޫ ވިޔަސް ވަރިހަމަވެގެންހުރެ މަގުމަތީގައި ސިނގިރޭޓް ބޯ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ސައިކަލު ދުއްވައިފައި ދަމުން ނުވަތަ މަގުމަތީގައި ހިނގައިފައި ދަމުން، އެހެން މީހުންގެ މޫނު މައްޗަށް ދުންފަތުގެ ވިހަ ދުންތައް ދޫކުރަމުންދާ މީހުން ގިނަވެއްޖެއެވެ. މި ކަން މަނާކުރުމަށް ގާނޫނުތަކާއި ގަވާޢިދުތައް އެކި ފަހަރު މަތިން ވަނީ ފާސްކުރެވިފައެވެ. އެހެން ނަމަވެސް، މިއިން އެއްވެސް ގަވާޢިދަކަށް އެކަށީގެންވާ ގޮތެއްގައި ޢަމަލު ނުކުރެވޭކަމީ ހިތާމަހުރި ކަމެކެވެ.
މި ހުރިހާ ކަމަކަށް ބަލާއިރު، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހަމައެކަނި އެ މީހެއްގެ އަމިއްލަ މައްސަލައެއް ނޫނެވެ. މިއީ މުޅި މުޖުތަމައަށް ކުރިމަތިވާ ބޮޑު މައްސަލައެކެވެ. އެހެންކަމުން، މި މައްސަލަ ހައްލުކުރުމަށް ޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހެއެވެ. ފަރުދީ ޒިންމާއެއްކަމުގައި ދެކިގެން ކޮންމެ މީހަކުވެސް އެމީހެއްގެ ޒިންމާ އަދާ ކުރާނަމަ މުޖުތަމައު އޮންނާނީ އަމަަންއަމާންކަމާއި އުފާވެރިކަމާއެކުގައެވެ. ރައްކާތެރިކަމާއެކުގައެވެ.

