ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް މިއަދު އައްޔަންކުރައްވައިފިއެވެ. މި އައްޔަންކުރެއްވުމަކީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދު ރޭ އިސްތިއުފާ ދެއްވުމާ ގުޅިގެން އައި ބަދަލެކެވެ.
އިބްރާހީމް ފަޒުލް ރަޝީދު އިސްތިއުފާ ދެއްވާފައިވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތިތަކެއް ދީފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާތީއެވެ. އޭނާ ވިދާޅުވެފައިވަނީ މި ތަހުގީގަށް ފުރުސަތު ދިނުމަށްޓަކައި އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
މައުރޫފް ޖަމީލަކީ ހުޅުމާލެ ތަރައްގީ ކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ސްޕެޝަލް އެޑްވައިޒަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ޑިޒައިން ކުރެއްވުމުގައި ވެސް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވޭ މައުރޫފް ޖަމީލަށް ވަނީ ސަރުކާރުން ދޭ ހާއްސަ އިނާމު، ޑިޒައިން އެނަރޖީ އެފިޝަންސީ އެވޯޑް ވެސް ލިބިވަޑައިގެންފައެވެ.

