މޯލްޑިވްސް ޕޮލިޓެކްނިކުން ޗައިނާގައި ބޭއްވުނު ބައިނަލްއަގުވާމީ މުބާރާތެއްގައި ރިހި މެޑަލް ހޯދައިފިއެވެ. މި ކާމިޔާބީ ހޯދާފައިވަނީ މިމަހުގެ 16 އިން 20 އަށް ޗައިނާގެ ބެއިޖިންގ އަދި ޗިންގޑާއޯގައި ބޭއްވުނު “ތަރޑް ޝަންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަން ވަރކް ސްކިލްޑް ކޮންޓެސްޓް” އިންނެވެ.
މިއީ މޯލްޑިވްސް ޕޮލިޓެކްނިކުން މިފަދަ މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. މުބާރާތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ތަމްސީލުކުރި ޓީމުގައި ހިމެނެނީ ލެކްޗަރަރ މުޙައްމަތު ލަޠީފާއާއި، ދަރިވަރުންކަމުގައިވާ އަޙްމަދު ލިވާޒް އަދި މުޙައްމަދު ނަސީމެވެ. ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސް.ސީ.އޯ) އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތުގައި އެކި ޤައުމުތަކުގެ ބައިވެރިން ފަންނީ އަދި ވޮކޭޝަނަލް ހުނަރުތައް ދައްކާލާފައިވެއެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިޓެކްނިކުން ބުނީ، ދުނިޔޭގެ ނަން މަޝްހޫރު ޔުނިވަރސިޓީތަކާއި އިންސްޓިޓިއުޝަންތަކުގެ ބައިވެރިންނާ ވާދަކޮށް މިފަދަ ފަޚުރުވެރި ކާމިޔާބީއެއް ހޯދުމަކީ، ވޮކޭޝަނަލް ދާއިރާއިން މޯލްޑިވްސް ޕޮލިޓެކްނިކް ކުރިއަރަމުންދާކަމުގެ އަލިގަދަ ހެއްކެއް ކަމަށެވެ. އަދި މިފަދަ ކުރިއެރުންތަކުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަރިވަރުންގެ ހުނަރުވެރިކަމާއި، ވޮކޭޝަނަލް ތަޢުލީމަށް އޮތް ޝައުޤުވެރިކަން ވަރަށް ސާފުކޮށް ދައްކުވައިދޭކަމަށްވެސް ޕޮލިޓެކްނިކުން ބުންޏެވެ.
މި ޓީމުގެ ކާމިޔާބީން، މުސްތަޤުބަލަށް ބޭނުންވާ ހުނަރުތައް ތަރައްޤީކޮށް، ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ދަރިވަރުން ބާރުވެރިކުރުވުމުގައި މޯލްޑިވްސް ޕޮލިޓެކްނިކްގެ މުހިންމު ދައުރު ފާހަގަކުރެވެއެވެ. އަދި މި ކާމިޔާބީގެ ސަބަބުން، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ފަންނީ އަދި ވޮކޭޝަނަލް ތަޢުލީމު ފޯރުކޮށްދިނުމަށް ދޭ އަހައްމިއްޔަތު އިތުރަށް ހަރުދަނާވެގެންދާނެކަމަށްވެސް މޯލްޑިވްސް ޕޮލިޓެކްނިކުން ދެކެއެވެ.

