ދިރުވައިލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 ދިވެއްސަކު ހައްޔަރުކޮށްފި

ދިރުވާލައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތް ކުރި ދެ ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލައިގައި ހައްޔަރު ކުރި ދިވެހި ދެ ފިރިހެނުންނަކީ ނ. މަނަދޫ ޕީކޮކް، އިހްސާން އިސްހާގް (33 އަހަރު) އާއި މއ. ސޭބޫ މުހައްމަދު ފާރިޝް (40 އަހަރު) އެވެ.
ކޯޓު އަމުރުގައި ބުނާގޮތުން މި ދެމީހުން ރާއްޖެ އައުމުން ސްކޭން ކުރިއިރު ހަށިގަނޑުގައި ފޮރިން ބޮޑީސް ހުރިކަމަށް ތުހުމަތު ކުރެވިގެން އެޑްމިޓްކޮށްގެން ދަނީ ފަރުވާ ދެމުންނެވެ. ދެ މީހުންގެ ބަންދަށްވެސް ފަސް ދުވަސް ޖަހާފައިވާއިރު އެޑްމިޓްކޮށްފައިވާ ހާލަތު ބަދަލުވުމުން 24 ގަޑިއިރު ތެރޭ އަލުން ކޯޓަށް ހާޒިރުކުރުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަން ފުލުހުން ހާމަކޮށްފައިވެއެވެ.
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރުމަކީ ރާއްޖޭގައި ހިނގަމުން އަންނަ ކަމެކެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު މިފަދަ ކުށްތަކަށް އިތުރު ފިޔަވަޅުތައް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.
