ހިޔާ ފުލެޓުގައި އިމިގްރޭޝަނުން ހިންގި ރެއިޑެއްގައި ގަވާއިދާ ޚިލާފަށް އުޅެމުން ދިޔަ 3 ބިދޭސީއަކު އަތުލައިގެންފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބަޔާންކޮށްފައިވަނީ ހުޅުމާލެ 2 ގެ ހިޔާ ފްލެޓުތަކުގައި ހިންގާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. މި އޮޕަރޭޝަންގައި އަށް ފިހާރަ، ހަތަރު ކެފޭ/ރެސްޓޯރަންޓް/ބޭކަރީ އަދި އެއް ސެލޫން ބަލައި ފާސްކުރި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.
މީގެ ތެރެއިން ދެ ތަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ހުއްޓުވުމަށް އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި މިހާތަނަށް ވަނީ 5،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފަ އެވެ.

