ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އާ މެނޭޖިން ޑިރެކްޓަރަކަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން އެމްޑީޕީ މީހުން ހިމެނޭހެން ގިނަބަޔަކު ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ތައުރީފު ކުރަން ފަށައިފިއެވެ.
މި ނިންމެވުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މިއަދު މަރުހަބާ ދަންނަވާފައެވެ. ޝަމްހީދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ “މިކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމުމަށް މަރުހަބާ ކިޔަން، އަދި މައުރޫފަށް ކާމިޔާބަށް އެދެން” ކަމަށެވެ.
އެޗްޑީސީއަށް ތަޖުރިބާކާރު އަދި ގާބިލު ބޭފުޅަކު އައްޔަން ކުރެއްވި ކަމަށް ބުނެ، ގިނަ ބަޔަކު މިހާރު އަންނަނީ މީސްމީޑިއާގައި ޝުއޫރު ފާޅުކުރަމުންނެވެ. ބައެއް މީހުން ގަބޫލުކުރާ ގޮތުގައި މި ބަދަލަކީ ރައީސް ޑރ. މުއިއްޒު ނިންމެވި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ. ސަރުކާރާ އިދިކޮޅު ފިކުރުގެ ހިޔާލު ގެންގުޅޭ ގިނަ ބަޔަކު ވެސް ތިބީ މި ނިންމެވުމާމެދު ރުހިގެންނެވެ.
މައުރޫފް ޖަމީލަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ހިދުމަތްތެރިއެކެވެ. އޭނާ ވަނީ އެޗްޑީސީއާއި ކުރީގެ ހުޅުމާލޭ ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑުގައި ހުންނަވައި ހުޅުމާލޭގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މީގެ އިތުރުން، 19 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތްކުރައްވައި، ދައުލަތުގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވެއެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ކޮންސްޓްރަކްޝަން މިނިސްޓަރުކަން ކުރެއްވުމުގެ އިތުރުން، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ދާއިރާއާއި ގެދޮރުވެރިކަން ކުރިއެރުވުމަށް ސަރުކާރުން ކުރެއްވި މަސައްކަތްތަކުގައި މައުރޫފް އިސްކޮށް ބައިވެރިވެވަޑައިގެންފައިވެއެވެ.
މައުރޫފްގެ އެންމެ ފާހަގަކޮށްލެވޭ އެއް ހިދުމަތަކީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ތަރައްގީއެވެ. އޭގެތެރޭގައި ހުޅުމާލޭ ފުރަތަމަ މިސްކިތް، ސްކޫލްތައް އަދި ހުޅުމާލޭ ހޮސްޕިޓަލު ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ.
އާކިޓެކްޗަރ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ މައުރޫފް، ގެންދަވަނީ މިހާރުވެސް މިނިވަން ރިސަރޗަރއެއްގެ ގޮތުގައި ގައުމަށް ހިދުމަތް ކުރައްވަމުންނެެވެ. ރާއްޖޭގެ ތަރިކަ ހިމާޔަތްކުރުމުގައި ކުރަންޖެހޭ ދިރާސާތަކުގައި މުހިންމު މަސައްކަތްތަކެއް ކުރައްވަމުންދާ މައުރޫފް ވަނީ ގައުމީ ޔުނިވަރސިޓީގައި ލެކްޗަރާއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.
ބައިނަލްއަގުވާމީ އެތައް އެވޯޑެއް ލިބިވަޑައިގެންފައިވާ މައުރޫފް ވަނީ ބޭރުގެ އެތައް ޖަމްއިއްޔާއެއްގެ މެމްބަރުކަންވެސް ކުރައްވާފައިވާއިރު، މައުރޫފު ވަނީ އިނގިރޭސިވިލާތާއި މެލޭޝިއާގެ ޔުނިވަރސިޓީތަކުން އާކިޓެކްޗަރ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ ކޮރަޕްޝަނަށް ހުޅުވިފައި ހުރި ދޮރުތައް ބަންދު ކުރެއްވުމަށެވެ.
މައުރޫފް ޖަމީލްގެ ތަޖުރިބާއާއި ހުނަރުވެރިކަމަށް ބަލާއިރު، އޭނާއަކީ ޑިޒައިން ކުރެއްވުމުގައި ވެސް ކުޅަދާނަ ބޭފުޅެކެވެ. މީގެކުރިން ވަނީ ސަރުކާރުން ދޭ ހާއްސަ އިނާމު، ޑިޒައިން އެނަރޖީ އެފިޝަންސީ އެވޯޑު ވެސް ހާސިލް ކުރައްވާފައެވެ. މި ފަދަ ތަޖުރިބާކާރު ބޭފުޅަކު އެޗްޑީސީގެ އިސް މަޤާމަކަށް ގެނައުމަކީ ކުންފުނީގެ މުސްތަޤުބަލަށް އެޅޭ ވަރުގަދަ ބިންގަލެއް ކަމުގައި ބެލެވެއެވެ.
ރައީސް ޑރ. މުއިއްޒުގެ މި ނިންމެވުމަކީ ހަމައެކަނި އެޗްޑީސީއަށް ނޫން، މުޅި ގައުމުގެ ބޯހިޔާވަހިކަމުގެ ދާއިރާއަށް އައު އުއްމީދުތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ވެސް ގިނަ ބަޔަކު ދެކެއެވެ. ހާއްސަކޮށް ބޯހިޔާވަހިކަމުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.
މި ނިންމެވުމާ ގުޅިގެން ރައްޔިތުންގެ މެދުގައި މިކަމާ ގުޅޭގޮތުން ސޯޝަލްމީޑިޔާގައި ދެކެވެމުންދާ ވާހަކަތަކުން ސިޔާސީ ބޭފުޅުންނާއި ރައްޔިތުންވެސް މިނިންމުމަށް ތާއީދުކުރާކަން ހާމަވެ އެނގެއެވެ.

