ރާއްޖޭގެ 7 ރަށެއްގެ މެޖިސްޓްރޭޓް ކޯޓަކަށް ފަނޑިޔާރުން އައްޔަންކޮށްފިއެވެ. އެއީ
- ކ.މާފުށި މެޖިސްޓްރޭޓް ކޯޓް
- ލ.މާވަށު މެޖިސްޓްރޭޓް ކޯޓް
- ހއ.ބާރަށް މެޖިސްޓްރޭޓް ކޯޓް
- ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓް
- ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓް
- ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓް
- ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓް
ކ.މާފުށީ މެޖިސްޓްރޭޓް ކޯޓަށް އައްޔަނުކުރެވުނު ކ.މާފުށި، ޝާހީ، އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤު އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) ފަސްޓް ކްލާސް ޙާސިލްކުރައްވައި، އެވިޑް ކޮލެޖްއިން މާސްޓަރ އޮފް ބިސްނަސް އެޑްމިނިސްޓްރޭޝަން ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 2021 ވަނަ އަހަރުން ފެށިގެން ޝަރުޢީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާއިރު ފަނޑިޔާރުކަމަށް ކުރިމަތިލެއްވިއިރު އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤު ހުންނެވީ ކ.މާފުށި މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރގެ މަޤާމުގައެވެ.
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަން ކުރެވުނީ ލ.ގަން، މަތިމަރަދޫ، ފަޒާ، އަލްއުސްތާޛު އަޙްމަދު ޝާފީއެވެ. އަލްއުސްތާޛު އަޙްމަދު ޝާފީވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ (އޮނާރސް) އަދި މާސްޓަރ އޮފް ލޯސް ޙާސިލްކުރައްވާފައެވެ. އަދި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ލީގަލް އޮފިސަރގެ މަޤާމް އަދާކުރައްވަމުން ގެންދަވާ އަލްއުސްތާޛު އަޙްމަދު ޝާފީ ވަނީ ޝަރުޢީ ދާއިރާގައި 5 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައެވެ.
ހއ ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމުގެ މަޤާމަަށް އަލްއުސްތާޛު ޢަބްދުﷲ ޖައިލަމް ވަނީ ޢައްޔަންކުރެވިފައެވެ. ހއ.ބާރަށް، ރޭސަމް، އަލްއުސްތާޛު ޢަބްދުﷲ ޖައިލަމް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ޙާސިލްކުރައްވާފައެވެ. ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމް އަދާ ކުރައްވަމުންދާއިރު ޝަރުޢީ ދާއިރާގައި 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވެއެވެ.
ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަކަށް ޢައްޔަންކުރުމަށް ނިންމާފައިވާ ބ.ކެންދޫ، ސައްކެޔޮގެ، އަލްއުސްތާޛު ޖިނާން ޢަބްދުﷲ އަކީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތު އޮނާރސް ޙާސިލްކުރަށްވައިފައިވާ ބޭފުޅެކެވެ. ޝަރުޢީ ދާއިރާގައި 6 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު، އަލްއުސްތާޛު ޖިނާން ޢަބްދުﷲ މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރއެއްގެ މަޤާމުގައެވެ.
ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ފ.ދަރަނބޫދޫ، ރޯޝަނީގެ، އަލްއުސްތާޛު ޢަލީ އިސްމާޢީލް ޢައްޔަނުކުރެވުނު އިރު ހުންނެވީ އެޓަރނީ ޖެނެރަލްގެ އޮފީހުގެ ސްޓޭޓް އެޓަރނީ ކަމުގެ މަޤާމުގައެވެ. ޝަރުޢީ ދާއިރާގައި 4 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާލިބިފައިވާއިރު، އަލްއުސްތާޛު ޢަލީ އިސްމާޢީލް ވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން މާސްޓަރ އޮފް ލޯސް (ކޮމްޕަރޭޓިވް ޖުރިސްޕްރޫޑެންސް) އާއި މަސްޓަރ އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ ޙާސިލްކުރައްވާފައެވެ.
ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރެވުނު އަލްއުސްތާޛު އިސްމާޢީލް މާހިރަކީ 2013 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ހަމައަށް ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓެއްގެ ގޮތުގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ލ.މާވަށް، އެންދެރިމާގެ، އަލްއުސްތާޛު އިސްމާޢީލް މާހިރު ވަނީ ވިލާ ކޮލެޖްއިން ބެޗްލަރސް އޮފް ޝަރީއާ އެންޑް ލޯ ޙާސިލްކުރައްވާފައެވެ
ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަން ކުރުމަށް ނިންމާފައިވަނީ ގދ.ގައްދޫ، ޔެލޯސީ، އަލްއުސްތާޛު އަޙްމަދު ޢަވްފު ޢަބްދުއްޞަމަދެވެ. އަލްއުސްތާޛު އަޙްމަދު ޢަވްފު ޢަބްދުއްޞަމަދު ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ އަދި މާސްޓަރސް އޮފް ލޯސް އިން އިސްލާމިކް ބޭންކިންގ އެންޑް ފައިނޭންސް ޙާސިލްކުރައްވާފައެވެ. ޝަރުޢީ ދާއިރާގައި 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާއިރު، އަލްއުސްތާޛު އަޙްމަދު ޢަވްފު ޢަބްދުއްޞަމަދު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސީނިއަރ ކޮންޓެންޓް އޮފިސަރގެ މަޤާމުގައެވެ.

