ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ފަޒުލް ރަޝީދު ހިޔާނާތުގެ އަމަލުތަކެއް ހިންގާކަމަށް ބުނެ އެ ކުންފުނީގެ ކުރީގެ ޗެއަރމަން އަހުމަދު ޒުހޫރު ފޮނުވި ކަމަށް ބުނާ ސިޓީއެއް ލިބިވަޑައިގެންނެވިނަމަ އެވަގުތު ފިޔަވަޅު އަޅުއްވާނެކަމަށާއި މަގާމުތަކަށް މީހުން އައްޔަނު ކުރައްވަނީ ވައްކަން ކުރައްވާކަށް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ރައީސް ޑރ މުއިއްޒު ވިދާޅުވީ އެފަދަ ސިޓީއެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.
“އަޅުގަނޑު ވެސް ތިވާހަކަ އަޑުއެހިން. އަޅުގަނޑަކަށް ނުލިބޭ އިނގޭތޯ ސިޓީއެއް. އަޅުގަނޑަށް ތިވިދާޅުވާ ސިޓީއެއް އައިސްފައި ނެތް، ނުލިބޭ. އަޅުގަނޑަށް ލިބުނުނަމަ އަޅުގަނޑު ޔަގީނުން ވެސް އެއަށް އަމަލުކުރާނަން ނޫނީ ބަލާނަން،” ރައީސް ޑރ މުއިއްޒު
ރައީސް ޑރ މުއިއްޒު ވިދާޅުވީ ހިޔާނާތެއް ނުވަތަ ގަވާއިދާ ހިލާފަށް ހިންގާ ކަމެއް ހުއްޓުވުމަށް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. މީގެ ކުރިން ވެސް އެ މަނިކުފާނު ވަނީ އެފަދަ މައްސަލަތަކުގައި އެކި މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް އަންގަވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
އެޗްޑީސީ ތެރޭގައި ހިނގައިގެން އުޅޭ ކަންކަމުގެ މައުލޫމާތު ލިބިވަޑައިގަތުމާ އެކު އެކަން ބެލުމަށް ފުލުހަށް އަންގާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މި މައްސަލައިގައި ފުލުހުން ގެންދަނީ ގާނޫނީގޮތުން އެ މުއައްސަސާއަށް މަތިކޮށްފައިވާ ޒިންމާ އަދާކުރަމުން ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ އެއްވެސް ތަނެއްގައި ގަވާއިދާ ހިލާފު ކަންތައްތަކެއް މީހަކު ހިންގާކަން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ސަރުކާރުގެ އެކި ތަންތަނަށް މީހުން އައްޔަން ކުރައްވަނީ ތެދުވެރިކަމާއި އަމާނަތްތެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތްކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.
“އަޅުގަނޑު މަގާމުތަކަށް މީހުން ލަނީކީ ވައްކަންކުރާކަށް ނޫން. ކޮރަޕްޝަން ހިންގާކަށް ނޫން، ގަވާއިދާ ހިލާފު ކަމެއް ކުރާކަށް ވެސް ނޫން،” ރައީސް ޑރ މުއިއްޒު
ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަންތައްތަކަށް ޖަވާބުދާރީވަނީ އެ ސަރުކާރަކުން ކަމަށެވެ. އަދި ހަމައެހެންމެ ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި ގަވާއިދާ ހިލާފު އަމަލެއް ހިންގާކަން އެނގިއްޖެނަމަ، އެކަމަށް ފިޔަވަޅު އަޅުއްވާނެކަން ފާހަގަ ކުރެއްވުމާއެކު ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގައި ކޮރަޕްޝަނަށް ޖާގަ ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެޗްޑީސީގައި ކޮރަޕްޝަނަށް މަގުފަހިވާ ގިނަ ކަންތައްތަކެއް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ކުރިން ހުންނެވި އިބްރާހީމް ފަޒުލް ރަޝީދާއި، ބައެއް އިސްވެރިން ހިންގާކަމަށް، އެޗްޑީސީގެ ޗެއަރމަނަކަށް މިސަރުކާރުން އެންމެ ފުރަތަމަ އައްޔަންކުރެއްވި އަޙްމަދު ޒުހޫރު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި އެ ތުހުމަތުތައް ބަޔާންކުރާ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވެވިކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެފައިވަނީ އެފަދަ ސިޓީއެއް އެމަނިކުފާނަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެފަދަ ސިޓީއެއް ލިބިވަޑައިގެންފައިވާނަމަ، އެކަމަށް ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

