ލޯކަލް ގަވަރމަންޓް އޮތޯރިޓީން (އެލްޖީއޭ) އިން ކޮންމެ އަހަރަކު ބާއްވާ "ކަންގަތި އެވޯޑު" ހަފުލާގައި، ކައުންސިލްތަކުގެ ޕަރފޯމަންސް އިންޑެކްސްއަށް ބަލައި، އެންމެ ހިންގުންތެރި ކައުންސިލްތަކުގެ އަގުވަޒަންކުރެއެވެ. މި އިންޑެކްސް އެކުލަވާލަނީ ކައުންސިލްތަކުން އެލްޖީއޭއަށް ހުށަހަޅާ ކިތާބީ ހެކިތަކަށް ބިނާކޮށެވެ. ނަމަވެސް، މިފަހަރުގެ ރޭންކިންގގައި ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީގެ ކައުންސިލަށް އެއްވެސް ދަރަޖައެއް ލިބިފައި ނުވެއެވެ. އަދި އެންމެ ޕޮއިންޓެއްވެސް ލިބިފައި ނެތުމާއެކު، ކައުންސިލް ރޭންކިންގގައި 0 މާކުސް އާއެކު އެންމެ ފުލުގައި ތިނަދޫ ސިޓީ އޮތީ ކީއްވެގެންތޯ ސުވާލު އުފެދުނެވެ.
މިކަމާ ގުޅޭގޮތުން ތިނަދޫ ކައުންސިލްގެ އެސްޖީ މުޙައްމަދު ޝަރީފް ހުވަދޫމީޑިއާއަށް ވިދާޅުވެފައިވަނީ، ތިނަދޫ ކައުންސިލަށް މިއެވޯޑާ ގުޅޭ ކަންކަން އެނގިފައެއް ނެތް ކަމަށާއި، މި ރޭންކިންގ ކުރެވޭ ގޮތެއްވެސް އެނގިލައްވާފައިނުވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން އެއްވެސް މުޢާމަލާތެއް ކައުންސިލާއި އެލްޖީއޭއާ ދެމެދު ހިނގާފައިވެސް ނެތް ކަމަށް ވިދާޅުވިއެވެ. ނަމަވެސް ކައުންސިލުން ކުރަންޖެހޭ ކަންތައްތަކާއި ހަރަކާތްތައް ކުރަމުންދާ ކަމަށާއި، އިދާރީ ގޮތުން ކަންކަން ސަރުކާރުން، މާނައަކީ އެލްޖީއޭއިން ބަލަން ބޭނުން ކަމަށްވާނަމަ، އެކަންކަން ބެލޭ ގޮތަށް ފުރިހަމަކޮށްފައި ހުންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް އިތުރަށް ވިދާޅުވީ، ކައުންސިލް ހިންގަނީ ކޮންމެހެން މި އެވޯޑަށާއި ދަރަޖަތަކަށް ބަލައިގެން ނޫން ކަމަށެވެ. އެވޯޑު ދިނުމުގެ ކަންތައްތައް އެލްޖީއޭއިން ތަރުތީބުކޮށްފައި ހުންނަ ގޮތުން މާ ބޮޑަށް ކައުންސިލްގެ ބޭފުޅުންނަށް މޮނިޓަރކުރެވޭ ގޮތެއް ނޯންނަ ކަން ފާހަގަކުރައްވައި، އެވޯޑަށް ކުރިމަތިލުމަށް އިތުރަށް ކުރަންޖެހޭނީ ކޮންކަމެއްތޯ އަދި ކުރަން ނުޖެހެނީ ކޮންކަމެއްތޯ އެނގޭކަށް ނޯންނަ ކަމަށްވެސް ވިދާޅުވިއެވެ. އަދި މިހާރު އެއްވަނަ ދަރަޖަ ލިބިފައިވާ ބޮޑުފުޅަދޫއަކީ ވަރަށް ކުޑަކުޑަ އާބާދީއެއް، ހާހެއްހާ މީހުން ހަމަނުވާ ރަށެއްކަން ފާހަގަކުރެއްވުމާއެކު، އެފަދަ ކުޑަ އާބާދީއަކާއި ބޮޑެތި އާބާދީތަކުގައި މި ކަންކަމަށް ވާދަކުރެވޭނެ ގޮތްތަކެއް މަސައްކަތް ކޮށްގެންކަން އެނގިފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. ޝަރީފު ވިދާޅިވީ އެބޭފުޅުން އެލްޖީއާ ބައްދަލުކުރައްވައި މި ވާހަކަތައް ވަރަށް ރަނގަޅަށް ދެއްކެވި ކަމަށާއި އަދި ތަންތަނުގެ ވެރިންނާވެސް މިވާހަކަތައް އޮންނަނީ ވަރަށް ރަނގަޅަށް ހިއްސާ ކުރައްވާފައި ކަމަށާއި އެހެންވިޔަަސް އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.
އެހެންކަމަށްވުމުން މިކަމަކީ އެބޭފުން ސަމާލުކަން ދޭން ޖެހޭކަމެއް ނޫން ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ.

ތިނަދޫ ކައުންސިލް، ހުވާ ކުރުމަށް ފަހު ބޭއްވި ފުރަތަމަ ބައްދަލުވުން/ ފޮޓޯ: އަހުތަރު- ހުވަދޫމީޑިއާ
ޝަރީފު މިފަދައިން ވިދާޅުވި ނަމަވެސް އެލްޖީ އިން އެހެނިހެން ކައުންސިލުތަކަށްވެސް މިއެވޯޑާ ބެހޭ ގޮތުން ފޮނުވި ފަދައިން ތިނަދޫ ކައުންސިލަށްވެސް މި އެވޯޑާ ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވާނޭ ކަމަށް އެލްޖީއިން ވަނީ ހުވަދޫމީޑިއާއަށް ޔަގީން ކޮށްދެއްވާފަ އެވެ. ހަމައެހެންމެ، ކަންގަތި އެވޯޑުގެ ހުރިހާ މައުލޫމާތުތަކެއް ލިބެން ހުންނަ ޖެމްސް ޕޯޓަލް އަށްވެސް ތިނަދޫ ކައުންސިލުން ވަދެ ކަންގަތި އެވޯޯޑާބެހޭ މައުލޫމާތު ލިބިގެންފައިވާ ކަން އެޕޭޖުން ހާމަވެ ފެންނަން އެބަހުރިކަމަށްވެސް އެލްޖީއިން ވަނީ ހުވަދޫމީޑިއާ އަށް ކަށަވަރު ކޮށް ދެއްވާފައެވެ.
ހަމަމިއާއެކު ތިނަދޫ ސިޓީގެ މިހާރުގެ މޭޔަރު އަދި ކުރީގެ ކައުންސިލްގެ ރައީސް ސައުދު އަލީ ވިދާޅުވެފައިވަނީ، މި ކަންތައްތަކުގައި އެލްޖީއޭއިން ކަންތައް ކޮށްފައި އޮތް ގޮތެއް އެބޭފުޅުން ބައްލަވަން ޖެހޭނެ ކަމަށެވެ. އެބޭފުޅުންނަށް، ތިނަދޫ ކައުންސިލަށް ސުން މާކުސް ލިބެން ޖެހުނީ ކިހިނެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، ކަންކަން ވެފައި އޮތީ ކިހިނެއްތޯ ބައްލަވައި މަޢުލޫމާތު އިތުރަށް ހޯދައި ހުވަދޫ މީޑިއާއާ ހިއްސާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ފަހުން އިތުރު އެއްވެސް މަޢުލޫމާތެއް ހިއްސާކޮށްފައި ނުވެއެވެ.
ކައުންސިލެއްގެ ގޮތުގައި އަދި ނުވަތަ ސިޓީއެއްގެ ގޮތުގައި ކައުންސިލް ހިނގަމުންދާއިރު ވެސް، ތިނަދޫގައި ކައުންސިލްގެ ފަރާތުން ތަފާތު ހަރަކާތްތަކާއި ގިނަގުނަ ކަންތައްތައް ކުރާ ކައުންސިލެއްކަން ފާހަގަކުރެވެއެވެ. މިއީ ފެންނަ މަންޒަރުތަކަށް ބިނާކޮށް ހުވަދޫމީޑިއާ އިން ތިނަދޫކައުންސިލާމެދު ތަސައްވުރު ކުރާ ގޮތެވެ.

އެވޯޑު ދީފައި ހުންނަ ގޮތަށް ބަލާލާއިރު މި އެވޯޑަށް ހުށަހެޅުން މި އޮންނަނީ،، އެލްޖީއޭގެ ޕޯޓަލްއެއް މެދުވެރިކޮށެވެ. އެ ޕޯޓަލް ފުރަން ޖެހެނީ ކޮންމެ އަހަރެއްގެ ފެބުރުވަރީ ނުވަތަ މާރިޗުމަހުގައެވެ. ޖުމުލަ ފަސް ކެޓަގަރީއަކަށް، މާނައަކީ މާކްސް ދެވޭ ފަސް ކެޓަގަރީއެއް ކަނޑައަޅައިފައިވާއިރު ކައުންސިލްގެ އެކްޓިވިޓީތައް ޕްލޭން ކުރާނީ އެ ފަސް ކެޓަގަރީއަށް ބަލާފައެވެ. އަދި މި ބުނި މުއްދަތުގެ ކުރިން އޭގައި އެ ބުނާ ޕޮއިންޓުތަކާއި ކޮށްފައި ހުންނަ ކަންތައްތައް ކިތާބީ ހެކިތައް، ފޮޓޯތަކާއެކު ފުރިހަމަކޮޮށް އެލްޖީއޭއަށް ހުށަހަޅާން ޖެހޭނެއެވެ. އެހެންވީމާ ހުށަހަޅަން އޮންނަ އުސޫލު މަތިން ކުރެވޭ ކަމަށް ވަންޏާ އެ މާކްސްތައް އެމީހުން ބަލަމުންދާނެ ކަމަށްވެއެވެ. މިއީ ކަންގަތި އެވޯޑަށް އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅ ކައުންސިލުތަކުން ކިޔައިދީފައިވާ ގޮތެވެ.
އިދާރީ ގޮތުން އެ އެޕްލިކޭޝަން މެދުވެރިކޮށް އެކަން ނުކުރާ ބަޔަކު ނޫނީ ކިތާބީ ހެކިތަކާއެކު ރަނގަޅަށް ހުށަނޭޅޭ ކަމަށް ވަންޏާ މިގޮތަށް މާކްސް ނުލިބުމަކީވެސް އެކަށީގެންވާ ކަމެކެވެ.
ތިނަދޫ ސިޓީކައުންސިލަށް ސިޓީއެއްގެ ދަރަޖާގައި ވެސް މާކުހެއް ލިބިފައި ނެތީ، ތިނަދޫ، ސިޓީއަކަށް ބަދަލުވީ 2023 ވަނަ އަހަރުގެ ފަހުކޮޅު ކަމަށް ވާތީއެވެ. އެހެންކަމުން ސިޓީތަކުގެ ކެޓެގަރީގައިވެސް ތިނަދޫސިޓީކަައުންސިލު ދަރަޖަކޮށްފައިނެތެވެ. ސަބަބަކީ ތިނަދޫކައުންސިލުން އެވޯޑުގައި ބައިވެރިވީ މިދިޔަ އަަހަރަށް ކަމަށްވުމުން ސިޓީ ކެޓެގަރީގައި ބައިވެރިނުވެވޭނެތީ، ބައިވެރިވެފައި އޮތީ ރަށުކައުންސިލެއްގެ ގޮތުގައިކަމަށްވުމުންނެވެ.

ކަންގަތި އެވޯޑު ހަފުލާގެ ތެރެއިން/ ފޮޓޯ:ޕީއެސްއެމް
މި އެވޯޑުގައި ތިނަދޫ ސިޓީ ކެޓަގަރައިޒް ކުރެވިފައި އޮތީ ކައުންސިލެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެއްވެސް މާކުހެއް ލިބިފައި ނެތުމާއެކު 177 ކައުންސިލު އޮތްއިރު ތިނަދޫ ކައުންސިލު ދަރަޖަ ކުރެވިފައި އޮތީ 177 ވަނައިގައެވެ.
އެވޯޑެއް ލިބުމަކުން ނުލިބުމަކުން ކައުންސިލު ބަދަލެއް ނުވާނެއެވެ. ކަންގަތި އެވޯޑަކީ ލޯކަލް ކައުންސިލް ޕާފޯމަންސް އިންޑެކްސްއިން އެންމެ މަތީ ވަނަތައް ހާސިލްކުރާ ކައުންސިލްތަކަށް 2015 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.
ލޯކަލް ކައުންސިލް ޕަފޯމަންސް އިންޑެކްސްއިން ވަނަތައް ހާސިލްކުރާ އަތޮޅު ކައުންސިލްތަކަށް ދެވޭ އެވޯޑު، ގަދަހަމާންތި ދަރަޖައިގެ 3 ވަނަ، 2 ވަނަ އަދި 1 ވަނަ ލިބުނީ:
- 1 ވަނަ: ހައްދުންމަތީ އަތޮޅު ކައުންސިލް
- 2 ވަނަ: މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް
- 3 ވަނަ: ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އަށެވެ.
ލޯކަލް ކައުންސިލް ޕަފޯމަންސް އިންޑެކްސްއިން ވަނަތައް ހާސިލް ކުރާ ރަށު ކައުންސިލްތަކަށް ދޭ "ރަނިހަމާންތި" ދަރަޖަތަކަށް ދެވޭ އެވޯޑު ހާސިލުކުރީ:
- 1 ވަނަ: އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
- 2 ވަނަ: ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލް
- 3 ވަނަ: މާލެ އަތޮޅު ހިންމަފުށީ ކައުންސިލް އެވެ.
2022 ވަނަ އަހަރާ އަޅާބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދި އަތޮޅު އަދި ރަށު ކައުންސިލަށް ދޭ "ކާންނާ ހަނދާނީ ފިލާ" އަދި "މާރާދަ ހަނދާނީ ފިލާ" ހާސިލް ކުރީ މިލަދުންމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލާއި ހައްދުންމަތީ މުންޑޫ ކައުންސިލުންނެވެ.

ކަންގަތި އެވޯޑު ހަފުލާގެ ތެރެއިން/ ފޮޓޯ:ޕީއެސްއެމް
މާރާދަ ހަނދާނީ ފިލާ އަތޮޅު/ރަށު ކައުންސިލުގެ ރޭންކުން ކޮންމެ ސަބްއިންޑެކްސްއަކުން 1ވަނަ ހާސިލްކުރާ ކައުންސިލުތަކަށް ދޭ އެވޯޑު ލިބުނީ
- ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބްއިންޑެކްސް: ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް، ފެލިދެއަތޮޅު ކެޔޮދޫ ކައުންސިލް
- އިފެކްޓިވްނެސް ސަބް އިންޑެކްސް: ހައްދުންމަތީ އަތޮޅު ކައުންސިލް، އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
- ޕާޓިސިޕޭޝަން ސަބްއިންޑެކްސް: ހައްދުންމަތީ އަތޮޅު ކައުންސިލް، އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
- އެކައުންޓެބިލިޓީ ސަބްއިންޑެކްސް: ހައްދުންމަތީ އަތޮޅު ކައުންސިލް، ކޮޅުމަޑުލު ބުރުނީ ކައުންސިލް
- ސެކިއުރިޓީ ސަބް އިންޑެކްސް: މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލް، އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލް
ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ހިންގުމުގެ އަސާސްތައް ކުރިއަރުވައި ރަށްވެހި ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ އަގުވަޒަންކުރުމުގެގޮތުން "ހިރިހަމާންތި އެވޯޑު"ވެސް ވަނީ ދީފައެވެ.
ހިރިހަމާންތި އެވޯޑު
- މާލެ ސިޓީ ކައުންސިލު
- އައްޑޫ ސިޓީ ކައުންސިލު
- ފުވައްމުލައް ސިޓީ ކައުންސިލު
- ކުޅުދުއްފުށި ސިޓީ ކައުންސިލު
ކަންގަތި އެވޯޑުފަދަ އެވޯޑުތަކުގައި ބައިވެރިވުމަކީ ކައުންސިލްތަކުގެ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވި، އިތުރު ވަސީލަތްތަކާއި އެހީތެރިކަން ހޯދުމަށް މަގުފަހިވެދާނެ ކަމެކެވެ.

