ކ. ގުރައިދޫގައި ޑިސެމްބަރު 13 ވަނަ ދުވަހުގެ ރޭ ދަންވަރު ނިޔާވި އުމުރުން އެންމެ ހަތަރު މަހުގެ ކުއްޖާގެ ޕޯސްޓްމޯޓަމް އިންޑިއާގައި ހެދުމަށް ފަހު ރާއްޖެ ގެނެސް، ހަށިގަނޑު ވަޅުލައިފިއެވެ.
މި ތުއްތު ކުއްޖާ ނިޔާވި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ކުއްޖާ ނިޔާވި ދުވަހުގެ ޖެހިގެން އައި ދުވަހުއެވެ.
އެ ކުއްޖާގެ ހަށިގަނޑު ރާއްޖެ ގެނެސް، މިއަދު އަސްރު ނަމާދަށް ފަހު ވަނީ ހުޅުމާލެ ސަހަަރާގައި ވަޅުލައިފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މި ކުއްޖާ ގުރައިދޫ ސިއްޙީ މަރުކަޒަށް ގެންގޮސްފައިވަނީ އެރޭ ދަންވަރު 12 ޖެހިއިރު ފަހުންނެވެ. ސިއްޙީ މަރުކަޒަށް ގެންދިޔައިރުވެސް ކުއްޖާ އޮތީ ނިޔާވެފައި ކަމަށް ވެއެވެ. އަދި ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރިކަންވެސް ފާހަގަކުރެވިފައިވެއެވެ.
ކުއްޖާގެ އާއިލާއިން ބުނެފައިވަނީ ކުއްޖާއަށް ޖެހުނީ ހާޓް އެޓޭކެއް ކަމަށް ބަލައި، ހިނަވަން ހުއްދަ ދިން ކަމަށެވެ.
ނަމަވެސް، އެ ރަށުން ބަޔަކު މައްސަލަ ޖެއްސުމާ ގުޅިގެން ފުލުހުން މައްސަލަ ބަލަން ފަށާފައިވާ ކަމަށް އާއިލާއިން މަޢުލޫމާތު ދީފައިވެއެވެ
އަދި އޭގެފަހުން އާއިލާއިން ވެސް އޮޓޮޕްސީ ހެދުމަށް އެއްބަސްވެފައިވާ ކަމަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވެއެވެ.

