ވިޔަފާރި ކުންފުނިތަކުން ހާއްސަކޮށްގެން ދެކުނު އޭޝިއާގެ ސަރަހައްދުގައި ބޭއްވުނު އެންމެ ބޮޑު އެއް އެވޯޑު ކަމަށްވާ "ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް 2024" ގެ މުހިންމު ދެ އެވޯޑެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ލިބިއްޖެއެވެ.
އިންޑިއާގެ ނިއު ދިއްލީގައި މި މަހުގެ 20 ވަނަ ދުވަހު އޮތް ސައުތު އޭޝިއަން ބިޒްނަސް އެކްސެލެންސް އެވޯޑްސް ދިނުމުގެ ހަފްލާގައި އެމްޕީއެލް އަށް ލިބުނީ "އިނޮވޭޓިވް ލާރނިންގ އެންޑް އޯގަނައިޒޭޝަނަލް ޑިވެލޮޕްމެންޓް ޕްރެކްޓިސް" އެވޯޑާއި "އިނޮވޭޓިވް ބިޒްނަސް ޓްރާންސްފޮމޭޝަން" އެވޯޑަކީ އެމްޕީއެލްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެ ކުންފުންޏަށް ލިބުނު އެވޯޑެވެ.

އެމްޕިއެލް އަށް ލިބުނު އެވޯޑްތައް
ދެކުނު އޭޝިއާގެ ވިޔަފާރި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި އެވޯޑް ހަފްލާގައި އެމްޕީއެލް އަށް ދެ އެވޯޑުވެސް ލިބުނީ ދެކުނު އޭޝިއާގެ ސަރަހައްދުގެ ހަތް ގައުމަކަށް ނިސްބަތްވާ ކުންފުނިތާކާ ވާދަކޮށްގެންނެވެ. މިއީ ދެކުނު އޭޝިއާގެ ވާދަވެރިކަން ބޮޑު ވިޔަފާރީގެ މާކެޓެއްގައި ވިޔަފާރި ފުޅާކުރުމާއި ތަރައްގީ ކުރުމާއި ޒަމާނީ ކުރުމަށް ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތައް ފާހަނގަ ކޮށް އެކި ދާއިރާތަކުގެ ތަޖުރިބާ ކާރުން ހިމެނޭ ފަނޑިޔާރުންގެ ޕެނަލަކުން ކުންފުނިތަކުގެ ޕާފޯމެންސް އިވެލުއޭޓް ކުރުމަށްފަހު ދޭ އެވޯޑްތަކެކެވެ. އެގޮތުން ތަފާތު 17 ދާއިރާއަކުން އެންމެ ކުރިއަރަމުން އަންނަ ފަރާތްތައް ފާހަނގަކޮށް އެވޯޑްތައް ދީފައިވެއެވެ.
އެމްޕީއެލް ފާހަގަ ވެގެން ގޮސްފައިވަނީ ރާއްޖެއަށް މެރިޓައިމް ދާއިރާ ފުޅާކޮށް ގިނަމަސައްކަތްތަކެއް ކުރާ ކުންފުންޏެއްގެ ގޮތުގައެވެ. އިހަވަންދިއްޕޮޅު ބަންކަރިންގެ ހިދުމަތަށް އިންޓަނޭޝަނަލް 17 ހިދުމަތެއް މިހާރުވެސް ދަނީ ދެމުންނެވެ.
އެމްޕީއެލްގެ ސީއޯއޯ މުހައްމަދު ވަޖީހު މީގެ ކުރިން ވިދާޅުވެފައި ވަނީ އެމްޕީއެލްގެ އެންމެ ބޮޑު އަމާޒަކީ ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅާއި އެއްގޮތަށް މެރިޓައިމް ދާއިރާ ކުރިއެރުވުމާއި، ސީ ޝިޕިން އަދި އެއަރ ކާގޯ ހިދުމަތް ފުޅާކޮށް ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް ގެނެވޭނެ ދާއިރާއަކަށް ހެދުމެވެ.
އެގޮތުން މިހާރު ހިދުމަތް ފަށައިގެން ކުރިއަށްދާ ސީ ޓު އެއަރ ކާގޯގެ ހިދުމަތަކީ ވަރަށް ކާމިޔާބު މަސައްކަތެއް ކަމަށް މައުލޫމާތު ދެއެވެ. ދުނިޔޭގެ ބޮޑެތި އެއަރލައިން މި ހިދުމަތާއި ގުޅެމުން ދާއިރު ބޮޑު ކުރިއެރުމެއް ދަނީ ލިބެމުންކަން ސީއީއޯ ފާހަގަ ކޮށްފައިވެއެވެ.

