ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރައްވާފައިވާ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް، ސްޓެލްކޯއިން މިހާތަނަށް 50،000 ގަސް އިންދައިފައެވެ.
ސްޓެލްކޯގެ އަމާޒަމީ 5 މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމްގެ ދަށުން 500،000 ގަސް އިންދުމެވެ.
ސަރުކާރުގެ "ފަސް އަހަރުން ފަސް މިލިއަން ގަސް" ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، ފަސް އަހަރުން ފަސް ލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ޙަރަކާތުގައި، މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްރަށުގައި ވަނީ ޖުމްލަ 52،334 ގަސް އިންދިފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ފަހުމީ އިތުރަށް ވިދާޅުވީ ސްޓެލްކޯގެ 500،000 ލައްކަ ގަސް އިންދުމުގެ އަމާޒަށް ވާޞިލުވުމަށް މަހަކު 8،340 ގަސް އިންދަމުންގެންދާނެ ކަމަށެވެ.
ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ގަސް އިންދުމުގެ ޕްރޮގުރާމް ހިމެނޭހެން ރައީސުލްޖުމްހޫރިއްޔާ ކޮންމެ ވަޢުދެއްވެސް ވަނީ ކައިރިއާ އަދި ދުރު މުސްތަޤުބަލުގައި އެއިން ރައްޔިތުންނަށް ކުރާނެ ފައިދާއަށް ބަލައިގެންކަމަށެވެ.
މި ދައުރުގެ ތެރޭގައި 5 މިލިޔަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހު ކޮޕް-28 ސަމިޓުގައި ދެއްވި ތަޤުރީރުގައެވެ. މި ޕްރޮގުރާމް ފަށާފައިވަނީ މިއަހަރުގެ ތިމާވެށީގެ ދުވަސްކަމަގައިވާ ޖޫން މަހުގެ 5ވަނަ ދުވަހުއެވެ.
މި ޕްރޮގްރާމުގެ މަޤްޞަދަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދަމަހައްޓައި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމެވެ.

