ޒަކާތް ނެރުމާއި ބެހުމުގައި އަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތަކެއް މުޅިން އަލަށް އެކުލަވާލައި އާންމުކޮށްފިއެވެ. މި އަސާސްތަކަކީ ޒަކާތްނެރުން ލާޒިމުވާ މުދަލުގެ ބާވަތްތަކާއި އޭގެ ޝަރުއީ އަސާސްތައް ބަޔާންކުރުމަށްޓަކައި ރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވައިލި އަސާސްތަކެކެވެ.
އިއްޔެ އިސްލާމީ މަރުކަޒުގެ ހޯލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި އައު މިންގަނޑުތައް އާންމުކޮށްދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޒަކާތު ހައުސް އުފެއްދެވި މަތިވެރި މަގުސަދު ހާސިލްވަމުންދާ ކަމަށެވެ. އަދި މިއަދު އާންމުކުރި އަސާސަކީ ރާއްޖޭގެ ޒަކާތު ހައުސްގެ މަގުޗާޓުކަމަށާއި މިއީ ޒަކާތު ހައުސްގެ އެންމެ މުހިންމު ޑޮކިއުމަންޓްކަމަށް އޭނާ ވިދާޅުވިއެވެ.
ޒަކާތު ހައުސްގެ ޑިރެކްޓާ ޖެނެރަލް އައްޝައިޚް އިއްޒައްދީން އަދުނާން ދެއްކެވި ވާހަކަފުޅުގައި މި މަސައްކަތްކުރުމަށްޓަކައި މިނިސްޓަރު ދެއްވި އެހީތެރިކަމާ އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޒަކާތު ހައުސްގެ އިތުރު މަސައްކަތްތަކެއް މިފަދައިން ފެންނާނެކަމަށް ވިދާޅުވިއެވެ.
މި އައު އަސާސްތަކާއި މިންގަނޑުތައް އެކުލަވާލާފައިވަނީ ޤުރުއާނާއި ސުންނަތް، ދަންނަބޭކަލުންގެ އިޖުމާޢު އަދި ޤިޔާސް، އިސްލާމީ ފިޤްހުގެ ޤަވާއިދު، އަދި ބައިނަލްއަޤްވާމީ އިސްލާމީ ފީ އިސްލާމީ ފިޤުހު އެކަޑަމީތަކުގެ ނިންމުންތައް ފަދަ ގިނަ މަސްދަރުތަކަށް ރިޢާޔަތްކޮށެވެ.
މި އަސާސްތަކުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ޒަކާތް ވާޖިބުވާ މުދަލުގެ ބާވަތްތައް ބަޔާންކުރުމާއި، ޒަކާތް ނެރުން ލާޒިމްވާ މުދަލުގެ ޝަރުޢީ އަސާސްތައް ކަނޑައެޅުމާއި، ޒަމާނީ މާލީ މުދަލުން ޒަކާތް ނެރުމުގެ އުސޫލުތައް ބަޔާންކުރުން ހިމެނެއެވެ. މީގެ އިތުރުން، ޒަކާތު ބެހެނިވެރިންގެ ޝަރުޢީ އަސާސްތަކާއި މިންގަނޑުތައްވެސް މި ލިޔުމުގައި އެކުލަވާލާފައިވެއެވެ.
މި ރަސްމިއްޔާތުގައި މި އަސާސްތަކާއި މިންގަނޑުތައް އެކުލަވައިލުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.

