މުލަކަތޮޅު މުލީގައި ތަރައްގީ ކުރާ އެއަތޮޅުގެ ފުރަތަމަ ވައިގެ ބަނދަރުގެ މަސައްކަތް ނިންމައި މާރިޗު މަހުގެ 1 ވަނަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް އަމާޒު ހިފާފައިވާކަމަށް ރީޖަނަލް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު މުބީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި މިއަދު ވާހަކަފުޅުދައްކަވަމުން މުބީން ވިދާޅުވީ، މިހާރު ކުރަމުންދަނީ އެއަރޕޯޓު ހުޅުވުމަށް ވާންޖެހޭ ފަހުގެ ތައްޔާރީތަކުގެ މަސައްކަތް ކަމަށެވެ. އެގޮތުން އެއަރޕޯޓަށް ބޭނުންވާ ވެހިކަލާއި މެޝިނަރީއާއި ވަސީލަތްތައް ހޯދުމުގެ އިތުރުން އޮފީސް ބައިގެ މަސައްކަތް ނިންމުމާއި އަލިފާން ނިއްވުމަށް މީހުން ނަގައި ތަމްރީންކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މުލީ އެއަރޕޯޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2021 ވަނަ އަހަރުގެ އޮގަސްޓްމަހުއެވެ. މުޅި މަޝްރޫއު ނިންމާ ހިދުމަތް ދޭން ފުރަތަމަ ޕްލޭންކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައި ނަމަވެސް އެކި ސަބަބުތަކާހުރެ މަސައްކަތްތައް ވަނީ ލަސްވެފައެވެ.
1200 މީޓަރު ދިގު، 30 މީޓާރު ފުޅާ ރަންވޭއަކާއެކު ތަރައްޤީކޮށްފައިވާ އެއަޕޯޓުގެ މަޝްރޫޢަށް ސަރުކާރުން 221 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވެއެވެ.
މުލަކަތޮޅަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރޭގައި ހިމެނޭ އަތޮޅެކެވެ. އެހެންކަމުން މުލީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއަކީ އެ އަތޮޅުގެ ރައްޔިތުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެކެވެ. މި އެއަރޕޯޓު ހުޅުވުމުން، އެ އަތޮޅުގައި މީހުން ދިރިއުޅޭ 8 ރަށުގެ 8000 އަށްވުރެ ދަށުގެ އާބާދީއަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ އެތައް ދަތިތަކަކަށް ހައްލު ލިބިގެންދާނެއެވެ.

