އަނެއްކާވެސް ދިރުވާލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.
މި ފަހަރު ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކީ ބްރެޒިލް މީހެކެވެ. އަނެއް މީހާއަކީ ދިވެއްސެކެވެ.
މީގެ 2 ދުވަސް ކުރިން ވެސް ދިރުވައިލައިގެން މަސްތުވާތަކެތި އެތެރެކުރަން އުޅުނު 2 ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ. އެ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނަކާއި އުމުރުން 40 އަހަރުގެ ދިވެހި ފިރިހެނެކެވެ. މައްސަލައިގައި ހައްޔަރު ކުރި ދިވެހި ދެ ފިރިހެނުންނަކީ ނ. މަނަދޫ ޕީކޮކް، އިހްސާން އިސްހާގް (33 އަހަރު) އާއި މއ. ސޭބޫ މުހައްމަދު ފާރިޝް (40 އަހަރު) އެވެ.
މި ދެމީހުން ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި މިހާރު ފުލުހުން ހޯދާފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރުމަކީ ރާއްޖޭގައި ހިނގަމުން އަންނަ ކަމެކެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅު ކޮށްފައިވާއިރު މިފަދަ ކުށްތަކަށް އިތުރު ފިޔަވަޅުތައް އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.

