ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ކުނި ބޭރުކުރުމުގެ ބޮޑު މަޝްރޫޢެއް އަންނަ މަހު ފެށުމަށް ތައްޔާރުވެއްޖެއެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ގިނަ ރަށްރަށުގައި ކުނި މެނޭޖުކުރެވޭނެ ރަނގަޅު ނިޒާމެއް ނެތުމުގެ ސަބަބުން ކުނި ބޭރުކުރުމަށް ކުރަންޖެހޭ މާލީ ބުރަ ކުޑަކުރުމެވެ.
ވެމްކޯގެ ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް މާކެޓިންގެ މެނޭޖަރ އަބްދުﷲ ސިނާން ދައުލަތުގެ މީޑިއާ އަށް ވިދާޅުވި ގޮތުގައި، މީގެ ކުރިން ރަށްރަށުން ކުނި ބޭރުކުރުމަކީ އެއްވެސް ވަރެއްގެ ދިރާސާއެއް ކުރެވިގެން ކުރެވުނު ކަމެއް ނޫނެވެ. އޭގެ ނަތީޖާއަކަށްވީ މާލީ ގެއްލުމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމަކަށް ނުވުމެވެ.
ސިނާން އިތުރަށް ވިދާޅުވި ގޮތުގައި، ވެމްކޯއިން މިހާރު ވަނީ ފީސިބިލިޓީ ސްޓަޑީއެއް ހަދާފައެވެ. އަދި އަންނަ ޖެނުއަރީ މަހުން ފެށިގެން މި ޚިދުމަތް ދޭނީ ވެމްކޯއަށާއި ކައުންސިލްތަކަށް މާލީ ގޮތުން ބުރަ ބޮޑުނުވާނެ ގޮތަކަށެވެ.
ވެމްކޯއިން ފާހަގަކުރެއްވި ގޮތުގައި، ކޯވިޑްގެ ކުރިން 11 ރަށަކުންނާއި ކޯވިޑަށްފަހު 19 ރަށަކުން އެތައް ހާސް ޓަނެއްގެ ކުނި ބޭރުކޮށްފައިވެއެވެ. އަދި މިވަގުތު ކުނި މެނޭޖުކުރެވޭނެ ނިޒާމު ހުރީ ހަމައެކަނި ތިލަފުށީގައި ކަމަށާއި، އުތުރާއި ދެކުނުގެ ރަށްރަށުން ކުނި ތިލަފުއްޓަށް އުފުލުމަށް ބޮޑު ޚަރަދެއް ހިނގާކަމަށްވެސް ވެމްކޯއިން ވިދާޅުވިއެވެ.
ވެމްކޯއިން އަންނަނީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް އެ ކުންފުނީގެ ޚިދުމަތް ފުޅާކުރަމުންނެވެ. މިގޮތުން މާލެއާއި އެހެނިހެން ސިޓީތަކުގެ އިތުރުން މާލެ އަތޮޅު މާފުށީގައާއި ހިންމަފުށީގައި ކުނި އުކާލުމުގެ ޚިދުމަތް ފަށާފައިވެއެވެ. އަދި މިހާރު އެ ޚިދުމަތް މާލެ އަތޮޅު ގުރައިދޫގައި ފެށުމަށްވެސް ވެމްކޯއިން އަންނަނީ ތައްޔާރުވަމުންނެވެ.

