ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުން މުއާޒު މުހައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މިއަދު އާންމުކުރެއްވި އިސްތިއުފާގެ ސިޓީގައި ބުނެފައިވާ ގޮތުން އޭނާ އިސްތިއުފާދެއްވުމަށް ނިންމެވީ ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ޚަރަދު ބޮޑުވެ، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ނުދެވޭ ހާލަތަކަށް ގޮސްފައިވާތީއެވެ.
މުއާޒްގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި ހަމައެކަނި ކުންފުންޏަށް ލިބޭ އާމްދަނީން ކުންފުނި ހިންގުން ވަނީ މުސްތަހީލު ކަމަކަށް ވެފައެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރައްވާފައިވަނީ؛
ކަރަންޓާއި، ފެނާ، ނަރުދަމާގެ ވަސީލަތްތައް މިހާތަނަށް މެއިންޓެއިންކޮށްފައި ނެތުމުން އޮތް ބެކްލޮގް ރަނގަޅުނުކުރެވުން
ކުންފުންޏާ ހަވާލުވި އިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތުން
ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އެތައް ގުނައެއް އިތުރަށް ވަޒީފާ ހަމަޖައްސަން ޖެހުން
ކުންފުނި ރައިޓް ސައިޒް ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބުން
ކުންފުންޏަށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ޚަރަދު އިންތިހާއަށް އިތުރުވުން
މުއާޒް ވިދާޅުވީ، ކަން އެހެން ހުރި ނަމަވެސް، އޭނާ މަގާމުގައި ހުންނެވި އަހަރެއްހާ ދުވަހުގެ ތެރޭގައި 160 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހިންގުމުގެ ޚަރަދުން ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް، ކުންފުނި މިހާރު އޮތް ހާލަތުން ހަމައެކަނި ޚަރަދު ކުޑަކޮށްގެން އަރައި ނުގަނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފެނަކައިގެ މުވައްޒަފުންނަށް މިދިޔަ އޮކްޓޫބަރު މަހާއި، ނޮވެންބަރު މަސް ފެށުނު އިރުވެސް މުސާރަ ދެވިފައި ނުވާ ކަމަށާއި، މިއީ ކުންފުނީގެ ހާލަތު މިހާ ދަށަށް ދިޔަ ފުރަތަމަ ފަހަރުކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކުންފުނީ ހަމަމަގަށް އެޅުވުމަށް ހެދި ޕްލޭންތައް ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރި ނަމަވެސް އެކަމުގައި މިހާތަނަށް އަލިމަގެއް ފެނިފައި ނުވާކަމަށެވެ. އަލި ފިނޭންސް މިނިސްޓްރީއާ ވެސް އެކަމުގައި މަޝްވަރާކޮށްފައިވާ ކަމަށެވެ.

