މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ދަތުރުފަތުރުގެ ދާއިރާގެ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް ހަރުދަނާކުރުމަށް ކޮންސަލްޓަންސީ ޚިދުމަތް ފޯރުކޮށްދިނުމަށް ރިތަރިވަރކްސް ޕްރައިވެޓް ލިމިޓެޑާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި ކޮންސަލްޓަންސީގެ މައިގަނޑު މަޤްޞަދަކީ ގްރީންހައުސް ގޭސް އިންވެންޓްރީ އެކުލަވާލުމަށް ބޭނުންވާ ދަތުރުފަތުރާ ގުޅޭ މަޢުލޫމާތު ހޯދުމަށް ރައްކާތެރި އަދި ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މި ނިޒާމުގެ ސަބަބުން ދިވެހިރާއްޖޭގައި ޓްރާންސްޕޯޓު ދާއިރާގެ ތެރެއިން ގްރީން ހައުސް ގޭހާއި ގުޅުންހުރި މައުލޫމާތުތައް އެއްކޮށް ބެލެހެއްޓުމަށް ފަސޭހަވެގެންދާނެއެވެ.
ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވިގޮތުގައި، މި މަޝްރޫޢުގެ ދަށުން އޮޑޮމީޓަރ ޑޭޓާ އެއްކުރުމަށް ރޯޑްވާދިނެސް ނިޒާމެއްވެސް ތަޢާރަފުކުރެވިގެންދާނެއެވެ. މިއީ އުޅަނދުތައް ދަތުރުކުރާ މިންވަރުގެ މައުލޫމާތު އެއްކުރުމަށްޓަކައި ކުރުމަށް ކަނޑައެޅިފައިވާ މުހިންމު މަސައްކަތެކެވެ.
މި މަޝްރޫޢުއަކީ “ކެޕޭސިޓީ ބިލްޑިންގް ފޯ އިމްޕްރޫވްޑް ޓްރާންސްޕެރެންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑެޕްޓޭޝަން އެކްޓޭޝަން އެކްޝަން އިން ދަ މޯލްޑިވްސް” ގެ ދަށުން ހިންގާ މަސައްކަތްތަކެކެވެ. މި މަޝްރޫޢުއަށް ގްލޯބަލް އެންވައިރަމެންޓު ފެސިލިޓީއިން ފަންޑުކޮށްފައިވާއިރު، އދ.ގެ އެންވައިރަމެންޓު ޕްރޮގްރާމްގެ ދަށުންވެސް އެހީ ލިބިފައިވާކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން ހާމަކުރެއްވިއެވެ.
އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަޖުވަދު މުޞްޠަފާ އެވެ. އަދި ރިތަރިވަރކްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފެވެ.

