ފުވައްމުލަކު ބޭރުން ސޯމާލިއާގެ ބަޔަކު ދަތުރު ކުރަމުން ދިޔަ ޑިންގީއެއް މިއަދު ފެނިއްޖެއެވެ. ކަނޑުމަތިން ބެހިގެން ދިޔަ ކަމަށް ބެލެވޭ ސޯމާލިއާ ބަޔަކު މިއަދު ފުވައްމުލަކަށް ގެނެވިފައިވާތީ ފުލުހުން ދަނީ ހަރަކާތްތެެރިވަމުންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ ފުވައްމުލަކު ސިޓީގެ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޑިންގީއެއް ފެނިގެން އެ ޑިންގީ އެމްއެންޑީއެފް ކޯސްޓްގާޑްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި ޑިންގީގައި ސޯމާލިއާގެ މީހުން ކަމަށް ބެލެވޭ ތިން މީހުން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑުގެ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ ހާބާ ޕެޓްރޯލުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، މި ޑިންގީއަކީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ “ސްކިފް” އެއްކަން ވަނީ އެނގިފައެވެ.
އަދި މި ޑިންގީ އެމްއެންޑިއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލައް ސިޓީ ބަނދަރަށް ވައްދައި، މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ވާހަކަ ވެސް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ،
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި މިފަދަ ހާދިސާތައް ހިނގާ ހާލަތްތަކުގައި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެމްއެންޑީއެފުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ ޖޫން މަހު ވެސް ސޯމާލިއާ ތިން މީހުން ތިބި ޑިންގީއެއް ރާއްޖެއަށް ލެއްގިއެވެ.

