ފެނަކަ ކޯޕަރޭޝަނުން ދައްކަންޖެހޭ ދަރަނީގެ ތެރެއިން 900 މިލިޔަން ރުފިޔާ ދައްކާ ހަލާސްކޮށްފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނުން ފާއިތުވި އެއް އަހަރު ދުވަހުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުކުރި ފޮތުގައެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނާ ގޮތުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް 1.3 ބިލިޔަން ރުފިޔާ ލޯނުގެ ގޮތުގައި ދައްކަންޖެހެއެވެ. މީގެ ތެރެއިން މިހާތަނަށް 300 މިލިޔަން ރުފިޔާ ދައްކާފައިވާ ކަމަށް ފެނަކައިން ވަނީ ހާމަކޮށްފައެވެ. މިއާއެކު ލޯނުތަކުގެ 23 އިންސައްތަ އެ ކުންފުނިން ވަނީ ދައްކާ ހަލާސްކޮށްފައެވެ.
އެންމެ ބޮޑު އަދަދެއް ދައްކަންޖެހެނީ ފެނަކައިން ހޯދާފައިވާ މުދަލާއި ހިދުމަތްތަކަށެވެ. މިގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް 3.4 ބިލިޔަން ރުފިޔާ ދައްކަންޖެހޭއިރު، އޭގެ ތެރެއިން 600 މިލިޔަން ރުފިޔާ ވަނީ ދައްކާ ހަލާސްކޮށްފައެވެ. މިއީ މި ދަރަނީގެ 17.6 އިންސައްތައެވެ.
ފެނަކައިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ދައްކަންޖެހޭ ލޯނުތަކާއި އަދި ވެންޑަރުންނަށް ދައްކަންޖެހޭ ފައިސާއާއެކު މުޅި ޖުމްލަ 900 މިލިޔަން ރުފިޔާގެ ދަރަނި ދައްކައި ޚަލާސްކޮށްފައިވެއެވެ. އަދި މިއަހަރު ލިބުނު ޖުމްލަ އާމްދަނީގެ 40 އިންސައްތަ ބޭނުންކޮށްފައިވަނީ ދަރަނިތައް ދެއްކުމަށް ކަމަށްވެސް ފެނަކައިން ވިދާޅުވެފައިވެއެވެ.
މީގެ އިތުރުން، ފެނަކައިން ދަރަނިތައް ދެއްކުމާއެކު ކުންފުނީގެ ޚަރަދުތައްވެސް ވަނީ ކުޑަކޮށްފައެވެ. މިގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ހިންގުމުގެ ހަރަދުން 24.7 މިލިޔަން ރުފިޔާގެ ގެއްލުމެއް އެ ކުންފުންޏަށް ވެފައިވީ ނަމަވެސް، މިއަހަރުގެ ފުރަތަމަ ތިން ކުއާޓަރުގައި ހިންގުމުގެ ހަރަދުން ފައިދާ ހޯދާފައިވެއެވެ. އަދި މުޅި ޖުމްލަ މިދިޔަ އަހަރާ އަޅާބަލާއިރު 160 މިލިޔަން ރުފިޔާ ހިންގުމުގެ ހަރަދުން ކުޑަކޮށްފައިވާ ކަމަށް ފެނަކައިން ވަނީ ބުނެެފައެވެ.
އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އެންމެ ބޮޑު ދަރަންޏެއް އޮތް ކުންފުންޏަކީ ފެނަކައެވެ. އެ ކުންފުނީގެ ދަރަނިތައް ބޮޑުވެގެން ދިޔައީ، މިދިޔަ ސަރުކާރުން، މާކެޓު އަގަށްވުރެ ބޮޑުކޮށް އެ ކުންފުނީގެ މުވައްޒަފުން ބޭނުންކޮށްގެން މަޝްރޫއުތައް ހިންގުމާއި ނުއަގުގައި ގިނަ ހަރަދުތައް ކުރުމުގއި ބެލުމެއް ނެތި އިސްރާފު ކުރުމުގެ ސަަބަަބުންނެވެ.

