ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މޭޖަރ ރިޓަޔަރޑް މުހައްމަދު ނަޖާހު، މިއަދު އައްޔަން ކޮށްފިއެވެ. މި މަގާމަށް ނަޖާހު އައްޔަން ކުރެވުނީ، ކުރީގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިއަދު ހާމަކުރި ގޮތުގައި، މުއާޒުގެ އިސްތިއުފާ ގަބޫލުކޮށް، މިއަދުން ފެށިގެން އޭނާ އެ މަގާމުން ވަނީ ވަކިކޮށްފައެވެ. އަދި ހަމަ މިއަދު، ނަޖާހު ފެނަކައިގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި އެމްޑީގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށް ވަނީ ޕީސީބީން ބުނެފައެވެ.
ފެނަކައިގެ އައު އެމްޑީ ނަޖާޙަކީ 21 އަހަރު ވަންދެން ދިވެހި ސިފައިންގޭގައި ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ލޮޖިސްޓިކްސް މެނޭޖްމަންޓުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލު ކުރައްވާފައިވާ ފަރާތެކެވެ.
މުއާޒު އިސްތިއުފާ ދެއްވި ސަބަބު ބަޔާން ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި މުއާޒު ފާހަގަ ކުރައްވާފައި ވަނީ ފެނަކައިގެ މިހާރުގެ މާލީ ހާލަތުގެ ސަބަބުން ކުންފުނި ހިންގުމަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ ފެނަކައިގެ 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތްއިރު، ކުންފުނިން ހިދުމަތް ފޯރުކޮށްދޭ ގިނަ ރަށްރަށުގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތްތައް އެކަށީގެންވާ ގޮތެއްގައި މެއިންޓަނަންސްކޮށް ނުބެލެހެއްޓިވާ ކަމަށެވެ.

