ކިންގް ސަލްމާން މިސްކިތުގެ އޭސީ ސިސްޓަމް މަރާމާތު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ސަލްމާން މިސްކިތުގެ އޭސީ ނިޒާމް އެއްކޮށް ހަލާކުވެފައިވާތީ އެކަން ހައްލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ފަހު މަރުޙަލާގެ ކަންކަން ނިމެމުންދާ ކަމަށެވެ. “އިންޝާ ﷲ މިސްކިތުގެ އޭސީ ނިޒާމް ވަރަށް އަވަހަށް ހައްލު ކުރެވޭނެ،” ވަޒީރު ވިދާޅުވިއެވެ.
މެއިންޓެނަންސް ނުކޮށް ހުރުމުގެ ސަބަބުން އެ އޭސީތަކަށް ގެއްލުން ވެފައިވާތީ، އޭސީ ނިޒާމް މަރާމާތު ކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.
ކިންގް ސަލްމާން މިސްކިތަކީ 300 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢުއެކެވެ. މިސްކިތުގެ އެތެރެބައިގައި 4000 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެއެވެ. އަދި ގޯތިތެރެއާ އެއްކޮށް 10،000 މީހުންނަށް ނަމާދުކުރެވޭނެއެވެ. މި މިސްކިތް ވަގުތީގޮތުން ނަމާދުކުރުމަށް ހުޅުވާލީ 2022 ވަނަ އަހަރުގެ އޭޕްރިލް 1ވަނަ ދުވަހުއެވެ.
މީގެ އިތުރުން، މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމު ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ. މި މަސައްކަތުގެ ދަށުން މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް ވަނީ އިފްތިތާހުކޮށްފައެވެ. މި މަޖިލިސް އިފްތިތާހު ކޮށްދެއްވީ ޑރ. ޝަހީމާއި ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

