އައިޖީއެމްއެޗާއި އައިކެއާ އޮޕްޓިކަލްސްއިން ހައުސިންގ މިނިސްޓްރީއަށް ފޯރުކޮށްދިން އެހީތެރިކަމަށް އެ މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ. އައިޖީއެމްއެޗުން 100 ޑަސްބިން ހަދިޔާކުރިއިރު، އައިކެއާއިން ވަނީ 100 ނޯޓުފޮތް ހަދިޔާކޮށްފައެވެ.
މިނިސްޓްރީގެ ފަރާތުން މި ހަދިޔާއާ ހަވާލުވެވަޑައިގަތީ ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދެވެ. މި އެހީތެރިކަމި އެހީތެރިކަމަށްޓަކައި ހައުސިންގ މިނިސްޓްރީން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައި އައިޖީއެމްއެޗަށާއި އައިކެއާއަށް ޝުކުރު އަދާކުރައްވާފައެވެ.
މި މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ހައުސިންގ މިނިސްޓްރީއާއި، އިންފްރާސްޓްރަކްޗާ މިނިސްޓްރީ އަދި އެންވަޔަރަމަންޓް މިނިސްޓްރީ ހިންގަމުންދިޔަ އިމާރާތް ވަނީ ބޮޑަށް ހަލާކުވެފައެވެ. މިހާރު އެ މިނިސްޓްރީތަކުގެ މަސައްކަތް ވަގުތީގޮތުން ދަރުބާރުގެއަށް ބަދަލުކޮށް ޚިދުމަތްތައް ދޭން ފަށާފައިވެއެވެ.

އައިކެއާ އޮޕްޓިކަލްގގެ ފަރާތުން 100 ނޯޓުފޮތް ހަދިޔާ ކުރުން—ފޮޓޯ: ހައުސިން މިނިސްޓްރީ
އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރެވެމުންދާ ތަހުގީގުގައި، އިންޑިއާގެ ތަޖުރިބާކާރުންގެ ޚާއްސަ ޓީމެއް މިހާރު ދިވެހި ފުލުހުންނާއެކު ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިހާތަނަށް ވެސް އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފުވެފައެއް ނުވެއެވެ.
މިނިސްޓަރު ހައިދަރު ވިދާޅުވެފައިވަނީ ފްލެޓު ލިސްޓާއި ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމުގެ އިތުރުން މިހާރު ހުޅުވާލެވިފައި އޮތް ލޯނު ސްކީމުގެ ހުރިހާ މައުލޫމާތެއް ރައްކާކުރަމުން ދިޔައީ ކްލައުޑް ސާވާއެއްގައި ކަމަށެވެ. އެހެންކަމުން، އެ މައުލޫމާތުތަކަށް އެއްވެސް ގެއްލުމެއް ނުލިބި ރައްކާތެރިކަމާއެކު ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

