ހުޅުމާލެ ދެވަނަ ފިޔަވަހީގައި 26 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް 4 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ވިދާޅުވީ ހުޅުމާލެ ފޭސް ދޭއްގައި ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް އިއްޔެ ރެއިޑް އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.
އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ހިންގަމުންދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. މިފަދަ އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ ބިދޭސީން އާންމުގޮތެއްގައި ޑިޕޯޓްކުރެވެއެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އަކީ އަބަދުވެސް ރާއްޖެއަށް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ އެތައް ފިޔަވަޅުތަކެއް އަޅާފައެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލާފައެވެ.

