ނ. ހޮޅުދޫގައި ޒަހަމްތަކާއެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގެ ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރާމާރީއަކާ ގުޅިގެން އޭނާގެ ދަރިފުޅު މިއަދު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު މޫސާ ރިމްޒީއެވެ.
މޫސާ ރިމްޒީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީ ހިންގުމުންނެވެ.
މައުލޫމާތު ލިބޭ ގޮތުގައި އޭނާ މާރާމާރީ ހިންގާފައިވަނީ އޭނާގެ މަންމަގެ މަރުގެ މައްސަލައިގައި، ތުހުމަތުކޮށް ވާހަކަދެއްކި މީހަކާއެވެ. ރިމްޒީ ވަނީ އަހުމަދު ޝުޖާއު ކިޔާ މީހެއްގެ ގައިގައި ޖަހާފައެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނު ބައެއް މީހުން ބުނެފައިވަނީ އޭނާގެ ކަރު އޮތީ ބުރިކޮށްލާފައި ކަމަށާއި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ހަމަ ކިރިޔާ ކަމަށެވެ. އަދި މީހަކު އަމިއްލަ އަށް އޭނާގެ ހަށިގަނޑަށް އެ ވަރުގެ އަނިޔާއެއް ދެވޭނެތޯ އެ މީހުން ސުވާލު އުފެއްދި އެވެ.
އެ މަރަށް އިންސާފު ނުލިބި ދިގުލައިގެންދާތީ ހޮޅުދޫގެ ރައްޔިތުން ދޭތެރެދޭތެރެއިން މުޒާހަރާއަށް ނުކުމެ، އަޑު އުފުލައެވެ.
ފުލުހުން ބުނެފައި ވަނީ ޒަކިއްޔާ މަރާލި ކަމުގެ އެއްވެސް ނިޝާނެއް އަދި ހެއްކެއް ވެސް ތަހުގީގުގެ މިހާތަނަށް ފެނިފައި ނުވާ ކަމަށެވެ.
ޒަކިއްޔާ މަރުވެފައި އޮތް ތަނުން ފެނުނު ވަޅީގައި އަދި ޒަކިއްޔާގެ ހެދުމުގައި ލޭ ނެތް ކަމަށް ރަށުތެރޭގައި ތުހުމަތުކޮށް ވާހަކަތައް ދެއްކި ނަމަވެސް، ވަޅި އާއި ހެދުމުގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް ފުލުހުން ބުންޏެވެ. އެ ވަޅީގެ ފޮރެންސިކް ތަހުލީލް އަދިވެސް ދަނީ ކުރިއަށެވެ. ތަހުލީލުތަކުން އެނގޭ ގޮތުގައި ވަޅީގައި ހުރީ ޒަކިއްޔާގެ ލެއެވެ.
ޒަކިއްޔާގެ މަރާއި ގުޅިގެން ފުލުހުން ދަނީ އިތުރު ތަހުލީލުތަކެއް ވެސް ކުރަމުންނެވެ.

