ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަސް ލެޕްޓޮޕް ވަގަށް ނަގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެ ކުންފުނިން ފަސް ލެޕްޓޮޕް ވަގަށް ނެގި މައްސަލަ ފުލުހުންނަށް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ވައްކަންކޮށްފައިވަނީ އެ ކުންފުނީގެ ފައިނޭންސް އަދި ޕްރޮޖެކްޓްސް ޑިޕާޓްމެންޓުންނެވެ.
ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ، މައްސަލަ ހުށަހެޅީ އެޗްޑީސީން، ފަރުކޮޅުގައި ހުރި، އެޗްޑީސީގެ އޮފީހުން ފަސް ލެޕްޓޮޕް ގެއްލިގެން ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުގައި ކަަމަށްވެސް ޝިފާން ވިދާޅުވިއެވެ.
ޝިފާން ވަނީ އެޗްޑީސީގެ އެހެން ދިމާލަކުން ލެޕްޓޮޕެއް ގެއްލިގެން ރިޕޯޓް ކޮށްފައިނުވާކަން ކަށަވަރު ކޮށްދީފައެވެ.
ޝިފާން ވިދާޅުވީ، ގެއްލުނު ލެޕްޓޮޕްތައް އަދި ނުފެންނަ ކަމަށާއި، ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
“ތުހުމަތު ކުރެވޭ މީހާ ދަނީ ފުލުހުންނަށް އެއްބާރުލުން ދެމުން،”. ޝިފާން ވިދާޅުވިއެވެ.
އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައި ވެއެވެ.
އެޗްޑީސީން ލެޕްޓޮޕްތަކެއް ވަގަށް ނަގާފައި މިވަނީ އެ ކޯޕަރޭޝަނާ ގުޅޭ ކޮރަޕްޝަންގެ ބޮޑު ތަހުގީގެއް ކުރިއަށް ދަނިކޮށެވެ. އެގޮތުން، ބިންވެރިޔާ ސްކީމުން ގޯތިި ނުލިބޭ ބަޔަކަށް ހުޅުމާލެއިން ގޯތި ދިން މައްސަލައެއް ދަނީ ބަލަމުންނެވެ.
އެ މައްސަލައިގެ ތަހުގީގަށް ފަހި ކުރުމަށް ކުންފުނީގެ އެމްޑީ ކަމުގައި ހުންނެވި އިބްރާހީމް ފަޒުލް ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާގެ އިތުރުން ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ވެސް ވަނީ ވަކިކޮށްފައެވެ.
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައްސަލަތަކެއް މިފަހަކަށް އައިސް ފެންމަތިވެފައިވެއެވެ

