ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ފަސްޓް ސެކްރެޓަރީގެ މަގާމުގައި ހުންނެވި މަޝްހޫރު ފިލްމީތަރި އަލީ ސީޒަން އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އަލީ ސީޒަން އޭނާގެ މަގާމުން އިސްތިއުފާ ދެއްވައިފައިވާކަން އިތުބާރު ހުރި ފަރާތަކުން ވަނީ "ހުވަދޫ މީޑިއާ" އަށް ކަށަވަރު ކޮށްދީފައެވެ.
އެހެންނަމަވެސް އޭނާ އިސްތިއުފާ ދެއްވާފައިވާ ސަަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.
އަލީ ސީޒަން އަކީ ރާއްޖޭގައި ނަން މަޝުހޫރު ފިލްމީ ތަރިއެކެވެ. މި ދާއިރާއިން ވިދާލި ނަމެއްގެ ގޮތުގައި ސީޒަންގެ ނަން ފާހަގަ ކޮށްލެވޭއިރު އޭނާ ވަނީ ފިލްމީ ދާއިރާއިން ގައުމީ ފެންވަރުގެ އެވޯޑްތައް ވެސް ހާސިލުކޮށްފައެވެ.
މިހަފްތާ ތެރޭގައި ކުންފުނިތަކުގެ އިސްވެރިންތަކެއް ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި އެޗްޑީސީގެ އެމްޑީ އާއި، ޕީއެސްއެމްގެ އެމްޑީ އާއި، ފެނަކަ އެމްޑީ ހިމެނެއެވެ. މިފަހަކަށް އައިސް މަގާމުތަކުން އިސްތިއުފާ ދެއްވާ ފަރާތްތައް އާދަޔާ ޚިލާފަށް ގިނަވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

