ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ފުލުހުން ކުރިއަށްގެންދާ ތަހުގީގާ ބެހޭގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އިސްވެރިން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ދެމެދު ބޭއްވުނު ބައްދަލުވުމެއްގައެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މި ބައްދަލުވުމަކީ އެޗްޑީސީގެ އައު މެނޭޖިންގ ޑިރެކްޓަރު މަގާމާ ހަވާލުވުމަށްފަހު ތަޢާރަފުވުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެކެވެ.
ބައްދަލުވުމުގައި، މިހާރު ކުރިއަށްދާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްތަކާ ގުޅޭ ތަހުގީގާ ބެހޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ. މި ތަހުގީގާ ގުޅިގެން އެޗްޑީސީގެ ބައެއް މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކުރެވިފައެވެ. އަދި ބައެއް ފަރާތްތަކުގެ ޕާސްޕޯޓް ހިފެހެއްޓުމާއެކު ރާއްޖެއިން ބޭރަށް ދިއުން މަނާކުރެވިފައިވެއެވެ.
މި މައްސަލަ ފެންމަތިވީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމްތަކުން ގޯތި އަދި ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ނުހިމެނޭ ފަރާތްތަކަކަށް ގޯތި އަދި ފްލެޓް ލިބުނު ކަމުގެ ލިޔުން ދޫކޮށްފައިވާކަން ހާމަވުމާ ގުޅިގެންނެވެ.

