ރޭ އެޗްޑީސީއިން ވަގަށް ނެގި ކަމަށް ބުނާ 5 ލެޕްޓޮޕާ ބެހޭ ގޮތުން ބައެއް މީޑިއާތަކުން ފަތުރާފައިވާ މަޢުލޫމާތުތަކަކީ ދޮގު މައުލޫމާތުތަކެއް ކަމާއި އެއީ އެޗްޑީސީގެ ފައިނޭންސްޑިޕާޓްމަންޓުގެ ލެޕްޓޮޕްތަކެއް ނޫން ކަން ހާމަވެއްޖެއެވެ.
ހުވަދޫ މީޑިއާއަށް އެނގިފައިވާ ގޮތުގައި ވަގަށް ނެގި ލެޕްޓޮޕްތަކަކީ އެޗްޑީސީގެ ފައިނޭންސް ޑިޕާޓްމަންޓުގެ ލެޕްޓޮޕްތަކެއް ނޫނެވެ. އެއީ އެޗްޑީސީގެ ފަރުކޮޅުފުށި ޕްރޮޖެކްޓް އޮފީހުން ވަގަށް ނަގާފައިވާ ތަކެއްޗެވެ. އަދި އެ 5 ލެޕްޓޮޕް ވަގަށް ނެގުމުގެ މައްސަލައެއް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުންގެ ސީނިއަރ ބޭފުޅުން ވިދާޅުވި ގޮތުގައި މި މައްސަލަ ހުށަހެޅީ އެޗްޑީސީންނެވެ. އަދި މައްސަލައިގެ ތުހުމަތުކުރެވޭ ފަރާތް މިހާރު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ހައްޔަރުގައެވެ.
“ތުހުމަތު ކުރެވޭ މީހާ ދަނީ ފުލުހުންނަށް އެއްބާރުލުން ދެމުން،” ޝިފާން ވިދާޅުވިއެވެ. ނަމަވެސް ގެއްލުނު ލެޕްޓޮޕްތައް އަދި ނުފެންނަ ކަމަށާއި، ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝިފާއު ފާހަގަކުރެއްވިއެވެ.
އަދި މި މައްސަލައަކީ ފުލުހުންނާއި އޭސީސީން ބަލަމުންދާ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ/ބިންވެރިޔާ ސްކީމްގެ ކޮރަޕްޝަންގެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް މައްސަލައެއް ކަން ވަނީ ކަށަވަރުވެފައެވެ.
ފުލުހުންގެ ތަރުޖަމާން ޝިފާން އިތުރަށް ވިދާޅުވީ، އެޗްޑީސީގެ އެހެން ދިމާލަކުން ލެޕްޓޮޕެއް ގެއްލިގެން ރިޕޯޓް ކޮށްފައިނުވާ ކަމަށެވެ.

