އިންޑޮނީޝިއާ އަންހެނަކު، ގޭންގް ރޭޕަކަށްފަހު މަރާލާފައިވާ ކަމަށް ފެތުރެމުންދާ ވާހަކަ ދިވެހި ފުލުހުން ވަނީ ދޮގުކޮށްފިއެވެ. އަދި އެފަދަ މައްސަލައެއް ހުށަހެޅިފައި ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ފެތުރުނު މި ވާހަކައިގައި ބުނެފައިވަނީ ގްރޫޕަކުން ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށެވެ. އަދި އެ އަންހެން މީހާގެ ހަށިގަނޑު މޯޗަރީގައި އޮތް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް މި މައުލޫމާތު ފުލުހުން ވަނީ ދޮގުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އުމުރުން 25 އަހަރުގެ ނޭޕާލް އަންހެނެއްގެ ހަށިގަނޑު މޯޗަރީގައި އޮތް ކަމުގެ މައުލޫމާތު ލިބިފައިވެއެވެ. އޭނާގެ މަރު ސާބިތުކޮށްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުން ކަމަށްވެސް އެނގިފައިވެއެވެ.
މިކަމާ ގުޅިގެން ނޫސްވެރިން ތަކުރާރު ކޮށް ފުލުހުންނާ ސުވާލުު ކުރަމުންދާއިރު އަދި މިހާތަނަށް "އެފަދަ ކަމެއް ނުހިނގާ،" މިއަށްވުރެ އިތުރު އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

