މި ސަރުކާރުން ކޮރަޕްޝަނަށް ރިއެކްޓްކުރާނެ ކަމަށާޢި، އަދި ވައްކަމާއި ދެކޮޅަށް ތެދުވެ، އެކަމަށް ފިޔަވަޅު އަޅުއްވާނެކަމަށް ށ ފުނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މަމްދޫހު ޔޫނުސް ވިދާޅުވެއްޖެއެވެ.
މަމްދޫހު މިހެން ވިދާޅުވީ ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާ މިރޭ ބާއްވާފައިވަނީ، އެޗްޑީސީ ތެރެއިން ގަވާއިދާއި ހިލާފަށް ބިންތަކެއް ދޫކޮށްފައިވާ ކަމުގެ ތުހުމަތުގައި، އެކުންފުނީގެ އެމްޑީ ފަޒުލް އިސްތިއުފާދީ، ސަރުކާރުން އެމައްސަލަތައް ތަހުގީގު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން މަމްދޫހު ( މަންޑޭ ) ވިދާޅުވީ ނިމިދިޔަ ސަރުކާރަކީ ރާއްޖެ މިހާތަނަށް ދުއް އެންމެ އަނިޔާވެރި ވެރިކަން ކަމަށެވެ. 40 އަހަރާއި ނުބައްދަލު ދަރަނިތަކެއް ނަގާފައިވާ ކަމަށާއި، މި ދަރަނި ތަކާއިއެކު ނިމިދިޔަ ސަރުކާރުން ކޮށްދީފައިވާ އެއްވެސް ކަމެއް ފެންނަން ނެތް ކަމަށެވެ. އަދި ކުރީ ސަރުކާރުން ކުރި ވައްކަންތައްކަށް ހިތްވަރުދިނީ އެސަރުކާރުގެ ވެރިންކަމަށާޢި، ކުރި އެއްވެސް ވައްކަމެއް ބައްލަވާފައި ނުވާކަމަށެވެ. ކުރި ވައްކަންތައް ބަލައި ފިޔަވަޅު އެޅުއްވި ނަމަ ނެގި ލޯންތައް ދެއްކޭނެ ކަމަށާއި، ތަރައްގީގެ މަޝްރޫއުތަކާއި، ކޮންޓްރެކްޓަރުންނަށް ފައިސާ ދެވޭނެކަމަށެވެ.
އެއާއި ހިލާފަށް ރައީސް ޑރ މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ ފަޅީގައި ހުރެގެން ވެރިކަން ކުރައްވާނެ ބޭފުޅެއްކަން މިއަދު ދިވެހިން ހެކި ދޭނެ ކަމަށެވެ. މިސަރުކާރު ދަމަހައްޓައި، ހިންގުމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހުން ފަސްނުޖެހި ގެންނާނެ ކަމަށާއި، އިގްތިސާދު ހަމަޔަކަށް އެޅުއްވުމަށް ގެންގުޅުއްވާ ސިޔާސަތުތަކަށް ފުރިހަމައަށް އެއްބާރުލުން މަޖިލީހުން ދެއްވާނެ ކަމަށެވެ.
މިސަރުކާރު ހަވާލުވިއިރު މަސްވެރިނަށް 400 މިލިއަނެއްހާ ރުފިޔާ ނުދީ އޮތްކަމަށާއި، އެންސްޕާގެ ތެރެއިން ސަޕްލަޔަރުންނަށް 1 ބިލިއަން ރުފިޔާ ދައްކަން ޖެހުނު ކަމަށެވެ. މިހާރު މަސްވެރިންނަށް ފައިސާ ނުލިބިގެން ޝަކުވާ ކުރާތަނެއް ނުފެންނަ ކަމަށާއި، ޑޮލަރުގެ ހަމަމަގަށް އެޅިގެންދާނެ ކަމަށެވެ. މިއާއިއެކު ކުރީ ސަރުކާރުން ކޮށްފައިވާ ވައްކަންތައް މި ސަރުކާރުން ބަލާނެ ކަމަށާއި، އެ މައްސަލަތައް ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިގެން ކުރިއަށް ގެންދަވާނެ ކަމަށެވެ.

