އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ އުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލާ ހިލާފުވާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ. މި ވާހަކަ ވަޒީރު ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި އުމްރާއަށް މީހުން ގެންދިއުމުގައި އަމަލު ކުރުމަށް ގެޒެޓްކޮށްފައިވާ އުސޫލުތަކާއި، ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާއި ހިލާފްވާ ފަރާތްތަކަށް ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކަށް ގަވާއިދުގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާނެއެވެ. މިގޮތުން މިފަހަރު އުސޫލުގެ 19 ވަނަ މާއްދާއަށް ޢަމަލުކޮށްފައި ނުވާ ކުންފުނިތަކާ މެދު ފިޔަވަޅު އަޅާނެކަމަށާއި އޭގެތެރޭގައި ހުއްދަ ބާތިލު ކުރުން ހިމެނޭކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރުގެ ތެރޭގައި ވަނީ ރާއްޖޭން މީހުން އުމްރާއަށް ގެންދާ ކުންފުނިތަކަށް އެކަމުގެ ހުއްދަ ހޯދުމަށް ކޮންމެ އިރެއްގައިވެސް އެދެވޭގޮތަށް އައު އުސޫލެއް އެކުލަވާލާފައެވެ. މި އުސޫލުގައިވާ ގޮތުން، އުޞޫލާ ޚިލާފުވާ ކުންފުނިތައް 1،000 ރުފިޔާއާއި 1،00،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ހުއްދަ ނެތި އުމްރާއަށް މީހުން ގެންދާ ކުންފުނިތައް 1،00،000 ރުފިޔާއާއި 5،00،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ.
މީގެ އިތުރުން ވަޒީރު ވަނީ އުމްރާވެރިންގެ ހައްގުތައް ހިމާޔަތްކުރަން ޖެހޭ ކަންކަން އެ ވުޒާރާއިން ކުރައްވާނެކަމަށް ވިދާޅުވެފައެވެ. މިހާރުވެސް 50 އަށްވުރެ ގިނަ ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދޫކޮށްފައިވާ އިރު، ފަހަކަށް އައިސް ރާއްޖެއިން އުމްރާއަށް ދާ މީހުންގެ އަދަދު އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

