މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު 4 ދިވެހިން ހައްޔަރުކޮށްފިއެވެ.
މި ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާ ފެނުމުންނެވެ.
މި ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ) އާއި ގދ. ކޮލަމާފުށި/ އޯޝަންބްލޫ، ޢަބްދުﷲ ޙަސަން (41އ) އާއި ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ޙުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ/ ވަލުތެރޭގެ، ޢަބްދުﷲ ޖަމީލު (32އ) އެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައިވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކޮށްގެންނެވެ. އަދި އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މަސްތުވާތަކެތީގެ މައްސަލައަކީ އަބަދުވެސް ރާއްޖެއަށް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ. ތަފާތު ގޮތްގޮތަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަކީ އާންމު ކަމެކެވެ. މި މައްސަލަތަކަށް އިތުުރު ފިޔަވަޅު އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

