ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ މައްސަލައެއްގައި ތުހުމަތުކުރެވޭ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ، މ. ޒޭވަރު ފުލުހުން ބަލައި ފާސްކޮށްފިއެވެ.
އެގޮތުން، ފަޒުލް ދިރިއުޅޭ ގެ ބަލައިފާސްކޮށްފައި ވަނީ، ރޭގެ ވަގުތެއްގައެވެ.
މި މައްސަލައިގައި ހިމެނޭ ގޯތިތަކުގެ ތެރެއިން އެއް ގޯތީގެ ވެރިފަރާތް، ވަގު ލިޔެކިޔުންތަކެއް ހުށަހެޅި ކަމަށް ތުހުމަތުކުރެވެނީ އޭނާގެ ބޭބެ އަދި މިހާރު ސަސްޕެންޝަނުގައި ހުރި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލު ރަޝީދަށެވެ.
މި މައްސަލަ ފެންމަތިވުމާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަޒުލް ވަނީ މި ހުރިހާ ކަމަކަށް އިންކާރުކޮށްފައެވެ. އެ ދުވަހު އޭނާ ވިދާޅުވީ މި މައްސަލައިގެ ތެރޭގައި އޭނާގެ ބޭބެ ހިމެނުމަކީ އިއްތިފާގެއް ކަމަށާއި، އެޗްޑީސީން އެއްވެސް ލިޔުމެއް ދޫކޮށްފައި ނުވާ ކަމަށެވެ.
ބިންވެރިޔާގެ މައްސަލަ ހޫނުވެގެން ދިޔައީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި އޭރު ހުންނެވި އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދުގެ ނަން އެ ސްކީމުގެ ޝަރުތު ހަމަނުވާ ލިސްޓުގައި އޮއްވައި، ފަޒީލަށް ގޯތީގެ ރަޖިސްޓްރީއެއް ހަދައިދީފައި އޮތްކަން ފަޅާއެރުމުންނެވެ. މައްސަލައާ ގުޅިގެން ފަޒުލް ވަނީ އޭނާގެ މަގާމުން އިސްތިއުފާ ދީފައެވެ.
މި މައްސަލައިގައި ފަޒުލްގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ސަބަބުން، އެޗްޑީސީގެ ބޯޑުގެ ގިނަ މެމްބަރުން ވަނީ ސަސްޕެންޑް ކޮށްފައެވެ. އަދި ބޯޑު މެމްބަރުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.

