އަދުގެ ފާހަގަކޮށްލެވޭ ތާރީހު، ސައުވީސް ބާރަ ސައުވީހުގައި ބާވަންނަ ކައިވެނި މާލޭގައި ކުރަން ވަނީ ހަމަޖެހިފައެެވެ.
މި އަހަރުގެ ރީތި ތާރީހެއްގެ ގޮތުގައި ފާހަގަކުރެވޭ 24 ޑިސެމްބަރ 2024 (24/12/24) ގައި މާލޭގައި ގިނަ އަދަދެއްގެ ކައިވެނިތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ފެމިލީ ކޯޓުން ހާމަކޮށްފައިވާ ގޮތުގައި، މި ހާއްސަ ދުވަހު ޖުމްލަ 52 ކައިވެނި ކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން 16 ކައިވެނި ކުރެވޭނީ ރަސްމީ ގަޑީގައެވެ. އަދި ބާކީ 36 ކައިވެނި ކުރެވޭނީ ނުރަސްމީ ގަޑީގައެވެ. މިއީ ރީތި ތާރީހެއްގައި ކުރެވޭ ކައިވެނިތަކުގެ އަދަދު އާދަޔާ ހިލާފަށް މަތިވެފައިވާކަން ދައްކުވައިދޭ ހެއްކެކެވެ.
ދިވެހިންގެ މެދުގައި ރީތި ތާރީހުތަކުގައި ކައިވެނި ކުރުމަކީ ޒަމާނުއްސުރެ އަންނަ އާދައެކެވެ. މިފަދަ ދުވަސްތަކުގައި ފެމިލީ ކޯޓަށް ކައިވެނި ކުރުމަށް އެދޭ ފަރާތްތަކުގެ އަދަދު އިތުރުވެ، ކޯޓުގެ މަސައްކަތް ބާރު ބޮޑުވެއެވެ. ގިނަ ފަރާތްތަކުން މިފަދަ ތާރީހުތަކަށް ދުރާލާ ތައްޔާރުވެ، ފައިސާ ރައްކާކޮށް، ބޮޑެތި ހަރަދުތައް ކުރެއެވެ. ހާއްސަކޮށް ކައިވެނީގެ ފޮޓޯ ސެޝަން ފުރިހަމަކުރުމަކީ މިހާރު ދިވެހިރާއްޖޭގައި ވަރަށް މަގުބޫލު ޓްރެންޑެކެވެ.
ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޖުމްލަ 1,121 ކައިވެނި ކޮށްދީފައިވެއެވެ. މީގެ ތެރޭގައި 85 ދިވެއްސަކު ބިދޭސީންނާ ކައިވެނިކޮށްފައިވާ އިރު، ރާއްޖެއިން ބޭރުގައި ކޮށްފައިވާ 89 ކައިވެނި ރަޖިސްޓްރީ ކޮށްދީފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ.
މި އުފާވެރި ދުވަހުގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭ މުހިންމު ހަގީގަތަކީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ އެންމެ މަތީ ވަރީގެ ރޭޓް ހުރި ގައުމުތަކުގެ ތެރެއިން އެންމެ ކުރީގަ އޮންނަ ގައުމުކަމެވެ. ހާއްސަކޮށް ޒަވާޖީ ހަޔާތުގެ ޅަފަތުގައި ވަރިވުމުގެ ނިސްބަތް މަތިވެފައިވާކަން ފާހަގަ ކުރެވެއެވެ. މިއީ އަޅުގަނޑުމެންގެ މުޖުތަމައުގައި ވިސްނާލަންޖެހޭ ނުރައްކާތެރި މައްސަލައެކެވެ.
ގިނަ ފަހަރަށް، ބޮޑެތި ހަރަދުތައް ކޮށްގެން ކުރެވޭ ކައިވެނިތައް ވެސް ނިމިގެންދަނީ ހިތާމަވެރި ގޮތަކަށެވެ. މި ކަމަކީ އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ވެސް ނޭދެވޭ އަސަރުތަކެއް ކުރާ ކަމެކެވެ. އެހެންކަމުން، މިއަދު ކުރެވޭ 52 ކައިވެނީގެ ތެރެއިން އެންމެ ކައިވެންޏެއް ވެސް ވަރިއާ ހަމައަށް ނުގޮސް، ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުވުމަކީ އަޅުގަނޑުމެން އެންމެން ވެސް އެދޭ ކަމެކެވެ.
މި މަގުސަދު ހާސިލު ކުރުމަށްޓަކައި، ކައިވެނިކުރާ ފަރާތްތަކަށް ޒަވާޖީ ދިރިއުޅުމާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކައިވެނީގެ ކުރިން ކައުންސެލިންގ ދިނުމަކީ މުހިންމު ކަމެކެވެ. އަދި ހަމައެހެންމެ، ކައިވެނި ކުރުމުގައި މާއްދީ ހަރަދުތަކަށް ވުރެ ރޫހާނީ އަދި އަހުލާގީ ވަރުގަދަކަމަށާއި އިތުބާރާއި ޔަގީންކަމަށް އިސްކަންދިނުމަކީ ވެސް މުހިންމު ކަމެކެވެ.
މިއަދު ކުރެވޭ ކޮންމެ ކައިވެންޏަކީ ދެމެހެއްޓެނިވި، ލޯބިވެތި އަދި ރަޙްމަތްތެރި ގުޅުމަކަށް ވެގެން ދާނެ ކަމަށް އުއްމީދު ކުރަމެވެ.

