ނޭޕާލުގެ 25 އަހަރުގެ އަންހެނެއްގެ މަރުގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ ނޭޕާލު އަންހެނެއްގެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށާއި މި މައްސަލައިގައި ޖިންސީ އަނިޔާގެ އަސަރެއް ފެންނަން ނެތްކަމަށް މެޑިކޯ-ލީގަލް ރިޕޯޓުން ދައްކާ ކަމަށެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ކަންޗަން ދުންގެލް (25 އަހަރު) ގެ ނަމުގައި ހުރި ނޭޕާލްގެ ރައްޔިތެއް އައި.ޖީ.އެމް.އެޗްގެ އިމަޖެންސީ ރޫމަށް ގެނައި މައްސަލަ، ފުލުހުންނަށް ރިޕޯޓުކޮށްފައިި ވަނީ 2024 ނޮވެމްބަރު 9 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.

މޯޗަރީ، މާލެސިޓީ/ ފޮޓޯ:ބިލިއަންގްރޭވްސް
ތަހުގީގަށް އެނގިފައިވާ ގޮތުގައި ކަންޗަން ދުންގެލް ހޮސްޕިޓަލަށް ގެނެސްފައިވަނީ ވަރަށް ބޮޑަށް ބަނޑުގައި ރިއްސާ ފެށުމާ ގުޅިގެންނެވެ. އަދި ހޮސްޕިޓަލަށް ގެނައުމުގެ މަގުމަތީގައި ކަންޗަން ދުންގެލްގެ ހަބަރު ހުސްވިކަން ފާހަގަކުރެވިފައިވާކަމަށް ވެއެވެ.
މެޑިކޯ-ލީގަލް ރިޕޯޓުގައި ކަންޗަން ދުންގެލްގެ މަރުގެ ސަބަބު "އެނގިފައިނުވާ" ކަމަށް ވަނީ ބަޔާންކޮށްފައެވެ. ރިޕޯޓުގައި، ޖިންސީ އަނިޔާއެއް ލިބިފައިވާކަން އެއްވެސް މިންވަރަކަށް ފާހަގަ ކޮށްފައިނުވެއެވެ. އަދި ކަންޗަން ދުންގެލް އަކީ އެނީމިއާގެ މެޑިކަލް ހިސްޓްރީއެއް އޮންނަ މީހެއްކަން އެނގިފައިވެއެވެ.
ކަންޗަން ދުންގެލްގެ ހަށިގަނޑާ ސްޕޮންސަރގެ ފަރާތުން ހަވާލުވެފައި ނުވާތީ ކަންޗަން ދުންގެލްގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައި ވަނީ ފުލުހުންގެ ހަވާލުގައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

