މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމައިފިއެވެ.
އެގޮތުން އެމްއޭސިއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ %5 އާއި %20 އާ ދޭތެރޭގެ އަދަދަކަށް ބޮޑު ކުރަން ނިންމާފައިވާ ކަމަށާއި މުސާރަ ބޮޑު ކުރާ އިރު، %20 އިތުރުވާނީ އެންމެ ކުޑަ މުސާރަ ލިބޭ މީހުންނަށް ކަމަށާއި %5 އިތުރު ވާނީ ގިނަ އިން މުސާރަ ލިބޭ މީހުންގެ ކަމަށް ވެސް އެމްއޭސީއެލް އިން ނެރުނު އެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެއިތުރުން އެމްއޭސީއެލްއިން ބުނީރާއްޖޭގައި އެންމެ ގިނަ ބަޔަކު ވަޒީފާ އަދާކުރާ ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނިން އަބަދުވެސް މާކެޓު އަގުތަކާ އެއްވަރަށް މުވައްޒަފުންގެ މުސާރަތަކާއި އިނާޔަތްތައް މުރާޖާއާ ކުރާ ކަމަށެވެ.
އަދިއެކުންފުނީގެ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރަން ނިންމީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް ކުންފުނީގެ މަސައްކަތްތަކަށް ބުރޫނާރާނެހެން މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނަށް ލިބޭ އިނާޔަތްތަކުގެ ތެރޭގައި، ހެލްތް އިންޝުއަރެންސާއި، ހިލޭ ދަތުރުފަތުރާއި، ސްޓާފް ލޯން ސްކީމާއި، ސްޓާފް ޗިލްޑްރަން ލޯން ސްކީމާއި، ސްޓާފް ޑިވެލޮޕްމަންޓް ސްކީމް ހިމެނެއެވެ.

