ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީން ލ. ފޮނަދޫ ކައުންސިލަށް މަގު ސާފުކުރާ އުޅަނދެއް ހަދިޔާކޮށްފިއެވެ.
ލ. ފޮނަދޫ ކައުންސިލަށް މަގު ސާފުކުރާ އުޅަނދު ހަދިޔާކޮށްފައިވަނީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވުޒާރާގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ. މި އުޅަނދު ހަދިޔާ ކޮށްދީފައިވަނީ މިފަދަ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ޔުނާން ހޭންޑް އިން ހޭންޑް ޕްރޮގްރާމްގެ ދަށުންނެވެ. ޗައިނާ އެމްބަސީގެ ފަރާތުން މި އުޅަނދު ހަދިޔާ ކުރެއްވީ އެ އެމްބަސީގެ ޗާރޖް ޑި އެފެއާޒް މިސް ހެއިފެނަށް ވީއިރު މި އުޅަނދާއި ރަސްމީގޮތުން ހަވާލުވެވަޑައިގަތީ ލ.ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒެވެ.
މިއީ 250000 ޗައިނީސް ޔުއާން ނުވަތަ 540000 ދިވެހި ރުފިޔާގެ އަގުހުރި އުޅަނދެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު އިބްރާހީމް ވިދާޅުވީ މިފަދަ ބިނާރީ ކުރިއެރުންތަކަށް އަބަދުވެސް ޗައިނާގެ އެންމެ ފުރިހަމަ އެއްބާރުލުން ލިބިގެންދާކަމާއި މަގު ސާފުކުރާ އުޅަނދު މިއަދު ފޮނަދޫ ކައުންސިލަށް ހަދިޔާ ކޮށްދެއްވުމުން އެކަން ވަރަށް ރަނގަޅަށް ހާމަވެގެންދާކަމެވެ.
ލ.ފޮނަދޫ ކައުންސިލްގެ ރައީސް އަހްމަދު ރިޔާޒް ވިދާޅުވީ މިއީ ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއެކު ބޭއްވި ބައްދަލުވުމެއްގައި ފޮނަދޫއާއި ގަން، މި ދެ ސަރަހައްދު ހިމެނޭގޮތަށް އެކުލަވައިލެއްވި ލާމު ލިންކްރޯޑް ސާފުކޮށް ބެލެހެއްޓުމުގެ ކަންކަމާ ބެހޭގޮތުން ކުރެވުނު މަޝްވަރާގެ ތެރެއިން ހޯދުމަށް ހުށަހެޅި މަގު ސާފުކުރާ އުޅަނދެއްކަމަށެވެ.
ޗައިނާ ފާހަނގަކޮށްލެވެނީ ރާއްޖޭގެ ބިނާރީ ކުރިއެރުމަށް އަބަދުވެސް އެހީތެރިވެދޭ ގައުމެއްގެ ގޮތުގައެވެ.

