ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ސިޔާސީ ޕާޓީއަކުން އަދި މަދަނީ ޖަމްއިއްޔާއަކުން ރާއްޖޭގެ ފަތުރުވެރިކަމަށް އަދި ދިވެހި އިގުތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ނުރައްކާތެރި އަމަލެއް ނުހިންގާނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީއެންސީ) އިން ބުނެފިއެވެ. މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
މި ބަޔާން ނެރެފައިވަނީ ފަތުރުވެރިކަމާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނިހާދު އިއްޔެ ރޭ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ނިހާދު ވިދާޅުވެފައި ވަނީ އެމްޑީޕީން މާލެ އަތޮޅުގެ ރިސޯޓްތަކަށް އަރައި، އެއްވުމެއް ބޭއްވުމަށް ރާވަމުންދާ ކަމަށާއި، މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތް ކުރާ ޔޫނިއަންތައް މެދުވެރިކޮށް މިކަން ކުރުމަށް ރޭވުމަކީ ޓޫރިޒަމަށް އަމާޒުކޮށް ދޭ ޓެރަރިސްޓް އަމަލެއްކަމަށެވެ.
ޕީއެންސީގެ ބަޔާނުގައި ބުނެފައި ވަނީ، ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތައް ހަރަކާތްތެރިވާނީ ޤާނޫނު ހުއްދަކުރާ އިމުގެ ތެރޭގައި ކަމަށާއި، އެ އިމުން ބޭރުވާނަމަ އެކަމާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ދައުލަތުގެ ކަމާބެހޭ އިދާރާތަކުން އަޅާނެކަމާމެދު ޝައްކެއް ނެތް ކަމަށެވެ.
އިތުރަށް ބަޔާނުގައި ބުނެފައިވަނީ، ރާއްޖެއަކީ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ދެމެހެއްޓުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި އިންވެސްޓް ކޮށްފައިވާ ފަރާތްތަކުގެ އިންވެސްޓްމަންޓްތައް ރައްކާތެރި ކޮށްދިނުމުގައި ދިވެހި ދައުލަތުން އަދާ ކުރަން ޖެހޭ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރާނެ ކަމުގެ އިތުބާރު އޮތް ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
ޕީއެންސީން ވަނީ ދައުލަތުގެ މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްއިއްޔާތަކާއި ވަކިވަކި ފަރުދުންވެސް ފަތުރުވެރިކަމަށް އަދި ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ޝުހުރަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ނުކުރުމަށް އިލްތިމާސް ކޮށްފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ރޭ ޕީއެންސީން ބޭއްވި ޖަލްސާގައި ސްޓޭޓް މިނިސްޓަރ ނިހާދު ދެއްކެވި ވާހަކަތަކާ ގުޅިގެން އޭނާ ވަނީ މަގާމުން ސަސްޕެންޑުކޮށްފައެވެ.

