މިދިޔަ ނޮވެމްބަރު މަހު ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އެ މީހާގެ އިނގިލި ބުރިކޮށްލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރެވުނު މީހުންނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ހާމަ ކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގެ ތެރެއިން އެޗް9-20-11 ގައެވެ. މި މައްސަލައާ ގުޅިގެން 12 ދިވެހި ފިރިހެނުން ވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުންގެ އިންޓެލިޖެންސް މަޢުލޫމާތަށް ބިނާކޮށް، ގޭންގެއްގެ ބަޔަކު މީހަކު ރަހީނުކޮށްގެން ހިޔާ ފްލެޓު ސަރަހައްދުގައި ހުރި ޓަވަރަކަށް ގެންގޮސްފައިވާކަން އެނގުނެވެ. މި މަޢުލޫމާތާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސް، ގޭންގް ކްރައިމް ޔުނިޓް އަދި ހުޅުމާލެ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ރަހީނުކޮށްފައި ހުރި މީހާ ސަލާމަތްކުރެވުނެވެ. ފުލުހުން އެ ތަނަށް ވަދެވުނުއިރު، ރަހީނުކުރެވިފައިވާ މީހާގެ އިނގިލި ބުރިކުރަން އުޅެނިކޮށެވެ.
އޮޕަރޭޝަން ހިންގުމުގައި ހަރަކާތްތެރިވި ފުލުހުންގެ އޮފިސަރެއް ވިދާޅުވި ގޮތުގައި، ރަހީނުކުރެވުނު މީހާ ބުނެފައިވަނީ އޭނާގެ އިނގިލިތައް ސަލާމަތްވީ ކިރިޔާ ކަމަށެވެ. އަދި ފުލުހުން ވަދެވުނުއިރު އިނގިލި ބުރިކޮށްލަން އުޅެނިކޮށް ކަމަށެވެ.
ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތަހުގީގު ނިންމާ ދަޢުވާ ކުރުމަށްޓަކައި ޕީޖީ އޮފީހަށް މި މަހުގެ 21 ވަނަ ދުވަ 21 ވަނަ ދުވަހު ފޮނުވާފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން ބަންދުގައި ތިބި މީހުން ކޯޓުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

