ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ގަވާއިދާ ޚިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގައި އުޅުނު 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނި ގޮތުގައި، ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް އިއްޔެ ރޭ ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މި އޮޕަރޭޝަނުގައި ސައްހަ ވިސާއެއް ނެތް 8 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.
އިމިގްރޭޝަނުން މިފަދަ އޮޕަރޭޝަންތައް ހިންގަމުންދަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ އަދަދު މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ. މިފަދަ އޮޕަރޭޝަންތަކުގައި އަތުލައިގަނެވޭ ބިދޭސީން އާންމުގޮތެއްގައި ޑިޕޯޓްކުރެވެއެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެތައް އަހަރެއް ވަންދެން ދިވެހި ސަރުކާރަށް ގޮންޖެހުމަކަށްވެފައިވާ މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން ސަރުކާރުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި ބިދޭސީން ރެގިއުލަރައިޒް ކުރުމުގެ ޕްރޮގްރާމްތަކާއި، ވަޒީފާދޭ ފަރާތްތަކަށް ޖޫރިމަނާ ކުރުން ހިމެނެއެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، މިފަދަ އޮޕަރޭޝަންތައް ކުރިއަށް އޮތް ތަނުގައި ވެސް ހިންގަމުން ގެންދާނެއެވެ. އަދި ގަވާއިދާ ޚިލާފަށް ބިދޭސީން ގެންގުޅޭ ވިޔަފާރިތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ބުނެފައިވެއެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން އަންނަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް 5،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑިޕޯޓްކޮށްފައެވެ.

