ގޯލްޑްކަޕް ފުޓްބޯޅަ މުބާރާތާއެކު ދިވެހި ފުޓުބޯޅައިގެ ފޯރި އަލުން އައުވެގެން ހިނގައްޖެ ކަމަށް ރައިސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ. އަދި މިރޭ ކުޅޭ ގޯލްޑް ކަޕްގެ ފައިނަލް މެޗުގައި ވާދަކުރާ، އައްޑޫ ސިޓީ އަދި އޭދަފުށި ދެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ނައިބު ރައިސް ވިދާޅުވިއެވެ.
ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ފައިނަލްގައި މިރޭ 9:00 ގައި ގަލޮޅުދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި މެޗުގައި ބައްދަލު ކުރާނީ އައްޑޫ ސިޓީ އާއި އޭދަފުށީ ޓީމެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައިސް މި ދެ ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފައިވެއެވެ.
ނައިބު ރައީސް ވިދާޅުވީ މި މުބާރާތާއެކު ދިވެހި ފުޓުބޯޅައިގެ ފޯރި އަލުން އާވެގެން ހިނގައްޖެ ކަމަށާއި، މުބާރާތް ކުރިއަށްދިޔައިރު، ސަޕޯޓު ކުރުމުގައި އެކި ރަށްރަށުގެ ރައްޔިތުން ދެއްކި ނަމޫނާ އާއި ރަށު ލޯބި ފާހަގަ ކުރައްވާ ކަމަށެވެ.
މިރޭގެ މެޗުގައިވެސް މި ރީތި ނަމޫނާ އާއި ކުޅިވަރުގެ ރޫހާ އެއްގޮތަށް ސަޕޯޓަރުންގެ ޢަމަލުތައް ބަހައްޓާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. ނައިބު ރައީސް ވަނީ ސެމީ ފައިނަލްގެ ފަހު މެޗުވެސް ޝަރަފުވެރިކޮށްދެއްވާފައެވެ. ނައިބު ރައީސް އަކީ ފުޓްބޯޅަ އާއި ކުޅިވަރަށް ވަރަށް ބޮޑަށް ލޯބި ކުރައްވާ ބޭފުޅެކެވެ.
މިހާރު ކުޅެވެމުންދާ ގޯލްޑް ކަޕްގެ ފޯރި މުޅި ރާއްޖޭގައި ވަނީ ހިފާލާފައެވެ.

