ފަނޑިޔާރަކީ އޭނާ ގަބޫލުކުރާ މީހެއް ނޫން ކަމަށް ބުނެ ހަޑި ހުތުރު ބަހުން ޝާރީއަތުގައި މުއާމަލާތްކުރި މީހަކު 2 މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދު އާއްމުކުރި ބަންދު އަމުރުން އެނގޭ ގޮތުން މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުނު މައްސަލައެއްގެ ތުހުމަތައް ހައްޔަރުކުރި މީހަކު ބަންދުގެ މުއްދަތު ޖަހަން ހާޒިރުކުރި އެވެ. އެއީ ގ.ސެމިޓޯން/ އިބްރާހިމް ޝަރީފް (40އ) އެވެ.
ކޯޓުގައި ޝަރީފް އަށް އޭނާ އަކީ ކާކުކަން ބުނެދޭން އެންގުމުން ކާކުކަން ބުނެދީފައިނުވާ ކަމަށް ކޯޓު އަމުރުގައި ބުންޏެވެ.
އަދި ޝަރީއަތުގެ މަޖިލީހުގައި އިންނެވި ފަނޑިޔާރަކީ މީނާ ގަބޫލުކުރާ ފަރާތެއް ނޫންކަމަށް ބުނެ ވާހަކަ ދައްކައ،ި އެފަދައިން އަމަލުނުކުރުމަށް ތަކުރާރުކޮށް ޝަރީއަތުން ނަސޭހަތްތެރިވި ކަން ވެސް ކޯޓު އަމުރުގައި ބުނެފައި އޮތެވެ.
ނަސޭހަތްތެރި ވުމާއެކު ވެސް އެކަން ތަކުރާރު ކޮށްފައިވާތީ، ޝަރީއަތުގެ ނިޒާމާއި ހިލާފުވި ކަމަށް ކަނޑައަޅައ،ި ކޯޓުތަކުގެ ގާނޫނުގެ ދަށުން އޭނާ އެއް މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރިއެވެ.
އަދި ތުހުމަތުތަކާއި ގުޅިގެން ޖަވާބުދާރީވާން ދިން ފުރުސަތުގައި ތުހުމަތާއި ގުޅިގެން ވާހަކަ ނުދައްކާ ކުރިން ދެއްކި ވާހަކަތައް ތަކުރާރުކޮށ،ް ހަޑިހުތުރު ބަހުން މުޢާމަލާތުކޮށްފައިވާތ،ީ ޝަރީއަތުގެ ނިޒާމާއި ހިލާފުވި ކަމަށް ކަނޑައަޅައި، އިތުރު އެއް މަސް ދުވަހަށް އޭނާ ޖަލަށްލުމަށް ގާޒީ އައިޝަތު ނުޒުހާ ހުކުމްކޮށްފައިވެއެވެ.
މީގެ 2 ދުވަސް ކުރިން އައިޖީއެމްއެޗް ތެރޭ ހަޑިހުތުރު ބަހުން މުއާމަލާތްކޮށް ފުލުހުންގެ ދައުރަށް ހުރަސް އެޅި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވެއެވެ.

