އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ފްރާންސް އާއިލާ އަންނަ މަހު ފުރުވާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވެއްޖެއެވެ.
އިމިގްރޭޝަންގެ ގާނޫނާ ހިލާފަށް ފްރާންސަށް ނިސްބަތްވާ 6 މީހުންގެ އާއިލާއެއް ރާއްޖޭގައި ދިރިއުޅެމުންދާ ކަމުގެ މައުލޫމާތު “އިމިގްރޭޝަން ވޮޗް” އަށް މިއަހަރުގެ ޖުލައި މަހުގެ 18 ވަނަ ދުވަހު ލިބިފައިވާއިރު އެ މައްސަލަ ބެލުމަށްފަހު އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހު އެ މައްސަލައިގައި ހިމެނޭ އިސްފަރާތް އިމިގްރޭޝަނަށް ހާޒިރުކުރެވުނެވެ.
ރާއްޖޭގެ ރަށްވެހިކަން ނުލިބޭނަމަ އާއިލާއިންވެސް އިމިގްރޭޝަންގައި އެދުނީ ފުރޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ. އިމިގްރޭޝަންގެ ގާނޫނު އޮންނަ ގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބަޔަކު ރާއްޖޭގެ ރަށްވެހިކަމަށް ޝަރުުތު ހަމައެއް ނުވެއެވެ. އެ އާއިލާގެ އެއްވެސް މީހެއްގެ އަތުގައި ޕާސްޕޯޓެއްވެސް ނެތެވެ.
މިހާރު ކުރިއަށްދަނީ އެމީހުންގެ ޕާސްޕޯޓް ހެއްދުމުގެ މަސައްކަތް ކަމަށް ޝަމްއާން ވިދާޅުވެފައިވެއެވެ. ޖެނުއަރީ މަހުގެ ތެރޭގައި އެ މީހުންގެ ޕާސްޕޯޓް ލިބި، އެ މީހުން ބޭނުންވާ ގައުމަކަށް ފުރުވާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އެ އާއިލާ މިހާރު ތިބީ މާލޭގައެވެ.
” އުއްމީދުކުރަނީ ޖެނުއަރީ ތެރޭގައި ޑޮކިއުމެންޓް ހަމަޖެހޭނެ ކަމަށް. އޭރުން އެ މީހުން ބޭނުންވާ ގައުމަކަށް ފުރުވާލަދޭނެ” ކޮންޓްރޯލާ ވިދާޅުވިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މި މަސައްކަތުގެ ތެރެއިން މިހާތަނަށް ގަވާއިދާ ހިލާފަށް އުޅުނު ފަސް ހާހަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފައިވާ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ހާމަކޮށްފައެވެ.

